ލީޑާޝިޕް ހޮވަން އަތް އުފުލައިގެން ވޯޓުދެނީ އަސާސީ ގަވައިދުގައި އެހެން އޮތުމުން: ޕީއެންސީ

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގެ ތެރެެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި, ލީޑާޝިޕް ހޮވަން ވޯޓުލުމުގެ ކަންކަން އަތް އުފުލައިގެން ކުރިއަށްގެންދަނީ އެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް އެ ޕާޓީން އިއްޔެ ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން ތަރުތީބުކުރާނެ ގޮތާއި، ނިންމުންތައް ނިންމާނެ ގޮތްތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވައިދުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން ޕާޓީގެ އަސާސީ ގަވައިދުގެ ޗެޕްޓަރު ހަތެއްގެ 69 ވަނަ މާއްދާގެ (ހ) ގައި، މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް ބުނެފައިވާކަން ޕީއެންސީން ފާހަގަކުރެއެވެ.

އަދި އެ މާއްދާގެ (ށ) ގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނަގާނީ ހާމަ ވޯޓެއް ކަމަށް ބަޔާންކޮށްފައިވާތީ، ޕާޓީގެ ނައިބު ރައީސުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ އަސާސީ ގަވައިދާ އެއްގޮތަށް ކުރާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ޕީއެންސީން އިތުރަށް ބުނެފައިވަނީ، އަތް އުފުލައިގެން ވޯޓުލާން ނިންމީ "ވިލެރެސް ކޮމިޓީ" އަކުން ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

އަދި ޕާޓީގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާނީ މިނިވަން، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ މެންބަރުންނަށް އަރުވާފައެވެ.

ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ ބޭފުޅުންނަކީ:

  • ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  • ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ

ޕީއެންސީގެ މި ނިންމުމާ ގުޅޭގޮތުން ބަޔާން ނެރެފައި މިވަނީ، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ސިއްރު ވޯޓު ނުނަގައި، ހާމަކޮށް ވޯޓު ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް