ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފުރަތަމަ ސިޓީ ފޮނުއްވުމަށް ފަހު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް އިސްތިއުފާގެ ސިޓީ މިއަދު ފޮނުއްވައިފިއެވެ.
ހުސްނުއްސުއޫދު ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ފޮނުއްވީ، ފުރަތަމަ ސިޓީ ފޮނުއްވީ ރައީސަށް ކަމަށްވާތީ، އިސްތިއުފާ ގަބޫލުނުކުރަން އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވަނީ، ފަނޑިޔާރަކު އިސްތިއުފާ ދެއްވަން ބޭނުންފުޅުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދޭކަން އަންގަވައި، އިސްތިއުފާ ދޭން ބޭނުންވާ ތާރީޚާއެކު، ލިޔުމަކުން ޖޭއެސްސީއަށް އަންގަން ޖެހޭނެ ކަމަށެވެ. އެއާއެކު، އެ ލިޔުމުގައި ކަނޑައަޅައިފައިވާ ތާރީޚުން ފެށިގެން އޭނާ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައިވެއެވެ.
ރައީސާއި ޖޭއެސްސީއަށް ވެސް ފޮނުއްވި ސިޓީގައި ސުއޫދުވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާއިރު، އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެެވެ.
ސުއޫދު އިސްތިއުފާ ދެއްވީ ޖޭއެސްސީން މިދިޔަ ބުދަ ދުވަހު އޭނާ ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބުނީ ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މީގެ އިތުުރުން ޖޭއެސްސީން ވެސް އަންނަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.
އެ ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދުމުން، އެކަމާ ގުޅޭ އަޑުއެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކުރިއެވެ. އެހެންނަމަވެސް ހަމަ އެ ދުވަހު ހެނދުނު، ވެރިކަން ކުރާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ.
މަޖިލިސް ޖަލްސާ ނިމުނު ފަހުން، ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން ހާމަކުރިއެވެ. އެއާއެކު އެ ދުވަހު 11:00ގައި އޮތް އަޑުއެހުން ވެސް ކެންސަލްކުރިއެވެ.
އެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން އުޅޭކަން ދޭހަވާ ކަމަށް އިދިކޮޅުން ބުނެއެވެ.