ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސާ ބައްދަލުކުރެއްވުން: ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ މަސައްކަތަށް އިޒްރޭލުން ހުރަސްއެޅުން، ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައި -- ރައީސް އޮފީސް

އިޒްރޭލުން, ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުންވަނީ، އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅައި އެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް މަނާކުރީ ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމާ ގުޅިގެންނާއި ދެވަނަ މަރުހަލާއަށް ދިޔުމާމެދު ހަމާސްއާއެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ކަމަށެވެ.

https://sun.mv/203236

އެ މައްސަލައާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައިވަނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.

އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށް ރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.

އިޒްރޭލުން ވަނީ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް ވެއްދުމަށް އެއްބަސްވި ބޭހާއި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނާއި ވަގުތީ ހޮސްޕިޓަލް ހެދުމަށް ބޭނުންވާ ފޭލިގެތައް ވެސް ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅާފައެވެ.

އިޒްރޭލުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމަށް ހުރަސް އެޅުމަކީ ޣައްޒާގެ ރައްޔިތުންގެ ގިނަ ބަޔަކު އަނެއްކާ ވެސް ހައިހޫނުކަން ތަހައްމަލް ކުރަންޖެހޭނެ ކަމެކެވެ.

comment ކޮމެންޓް