ޣައްޒާ (2 މާޗް 2025): އިސްރާއީލުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމަށް ހުރަސްއަޅައި އެހީގެ ޓްރަކްތައް ޣައްޒާއަށް ވެއްދުން އެއްކޮށް މަނާކޮށްފިއެވެ.
އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅައި އެތަކެތި ޣައްޒާގެ ރައްޔިތުންނަށް މަނާކުރީ ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމާ ގުޅިގެންނާއި ދެވަނަ މަރުހަލާއަށް ދިޔުމާމެދު ހަމާސްއާއެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ކަމުގައެވެ.
ދެވަނަ މަރުހަލާ ފެށުމަށް ހަމާސްއާއި އިސްރާއީލަށް އެއްބަސްވުމަކަށް ނާދެވިފައިވަނީ މި މަރުހަލާ ފެށުމަށް ކުރިން އިސްރާއީލުން އެއްބަސްވި ޝަރުތުތަކުގެ ތެރެއަށް އިތުރު ކަންތައްތަކެއް އިސްރާއީލު ވެއްދުމުންނެވެ. އެއީ ހަމާސްގެ އަތްދަށުގައި ބާކީތިބި އިސްރާއީލުގެ އަސީރުން ދެވަނަ މަރުހަލާގައި އެއްކޮށް މިނިވަން ކުރުމެވެ.
ކުރިން އެއްބަސްވެފައިވަނީ ބާކީ ތިބި އަސީރުންގެ ތެރެއިން އެއް ބަޔަކު ދެވަނަ މަރުހަލާގައި ދޫކޮށްލުމަށެވެ. އެގޮތުން ހުރިހާ އަސީރުން އެއްކޮށް މިނިވަންކުރާނީ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލައި، އިސްރާއީލުގެ ހުރިހާ ސިފައިން ޣައްޒާއިން ބޭލުމުން ކަމަށް އެއްބަސްވުމުގައިވެއެވެ.
ނަމަވެސް އިސްރާއީލު މިހާރު ގެންދަނީ ޣައްޒާއިން އެއްކޮށް ފައިބަން ދެކޮޅު ހަދަމުންނެވެ. އަދި ހަމާސްގެ އަތްދަށުގައި ބާކީތިބި އިސްރާއީލުގެ އަސީރުން އެއްކޮށް މިނިވަންކުރުމަށް ޝަރުތު ކުރަމުންނެވެ. މި ދެ ކަންތަކުގެ ސަބަބުން ހަމާސްއިން ވަނީ ދެވަނަ މަރުހަލާގެ އެއްބަސްވުމަކަށް ދެކޮޅު ހަދާފައެވެ.
އިސްރާއީލުވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒު ކުރިއިރު ވެސް ވަރަށް ބޮޑަށް ދޮގުހަދައި އޮޅުވާލައި މަކަރު ހަދާފައެވެ. ފުރަތަމަ މަރުހަލާގައި މިނިވަން ކުރަންޖެހޭ ފަލަސްތީނުގެ 1900 ވަރަކަށް އަސީރުންގެ ތެރެއިން ތިރީހަކަށް މީހުން މިނިވަންކުރުމަށްވެސް އިސްރާއީލުވަނީ އެންމެ ފަހު ވަގުތު ދެކޮޅު ހަދައި އެއްބަސްވުމާ ޚިލާފުވެފައެވެ.
އޭގެ ކުރިން އިސްރާއީލުވަނީ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް ވެއްދުމަށް އެއްބަސްވި ބޭހާއި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނާއި ވަގުތީ ހޮސްޕިޓަލް ހެދުމަށް ބޭނުންވާ ފޭލިގެތައް ޣައްޒާއަށް ވެއްދުމަށް ވެސް ހުރަސްއަޅާފައެވެ. މިކަމުގެ ބޭނުމަކީ ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނާއި ކެކުޅުންތައް ތަހައްމަލް ކުރަން ޖައްސައި، އެމީހުން ޣައްޒާއިން ބޭރުވުމަށް ނުވަތަ ޣައްޒާ ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމެވެ.
ނަމަވެސް ކުރީގައިވެސް މަރުވިގޮތަށް ޣައްޒާގެ ރައްޔިތުންވަނީ މި އަނިޔާތަކަށް ބޯ ނުލަނބައި އެމީހުން ޣައްޒާގައި ތިބެ މަރުވާން ޖެހުނަސް ޣައްޒާ ދޫކޮށް ދިޔުމަށް ދެކޮޅު ހަދާފައެވެ.
އިސްރާއީލުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމަށް ހުރަސް އެޅުމަކީ ޣައްޒާގެ ރައްޔިތުންގެ ގިނަ ބަޔަކު އަނެއްކާވެސް ހައިހޫނުކަން ތަހައްމަލް ކުރަންޖެހޭނެކަމެކެވެ.
މިހާރު ޣައްޒާއަށް ވައްދާފައިވާ ކާބޯތަކެތިން އިތުރު ދެތިން ދުވަހު ހިފަހައްޓާލެވުނު ކަމަށް ވިޔަސް ހަފުތާއެއްހާ ދުވަސް މިގޮތަށް ގޮސްފިނަމަ ޣައްޒާގެ ރައްޔިތުންގެ ގިނަ ބަޔަކު އަނެއްކާވެސް ހައިހޫނުކަން ތަހައްމަލް ކުރަންޖެހޭނެކަމަށް އދ.ގެ އުންރުވާ ޖަމާއަތުން ބުނެއެވެ.
އިސްރާއީލަކީ ކުރީގެ ނާޒީ ޖަރުމަނު ފަދަ އާދަޔާ ޚިލާފަށް އަނިޔާވެރި ލާއިންސާނީ އަދި ރަހުމެއްނެތް ޣައިރު ގާނޫނީ އަދި ޓެރަރިސްޓް އެންޓިޓީއެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ ބައިނަލްއަގްވާމީ ކޯޓަށް ބޭނުންވެފައިވާ ނުރައްކާތެރި މުޖްރިމެކެވެ. ނަތަންޔާހޫއަށް ހިމާޔަތްދީ އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ސްޕޮންސާ ކުރަނީ އެމެރިކާއާއި ޔޫރަޕުންނެވެ.