އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަން ފުޅާކޮށް ޣައްޒާގެ ބޮޑު ސަރަހައްދެއް އަތުލާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެއްޖެއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ކަޓްޒް ބުނީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގެ އާބާދީގެ ބޮޑު ބައެއް އެ ސަރަހައްދުން ނެރޭނެ ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ ޣައްޒާ ރައްޔިތުން ހަމާސްއާ ގުޅުން ކަނޑާލާ އިސްރާއީލުގެ ރަހީނުން އަނބުރާ ދިނުން ކަމަށެވެ.
ނަމަވެސް އިސްރާއީލުން އަތުލަން ގަސްތުކުރަނީ ކިހާވަރެއްގެ ސަރަހައްދެއް ކަމެއް ސާފެއް ނޫނެވެ.
އިސްރާއީލުން މިހާރުވެސް ވަނީ ޣައްޒާގެ އެތެރޭގައި މުހިންމު ބަފާ ޒޯނެއް ގާއިމްކޮށް، ޣައްޒާގެ މެދުތެރެއިން ނެޓްޒާރިމް ކިޔާ ކޮރިޑޯގައި ބޮޑު ސަލާމަތީ ސަރަހައްދެއް އިތުރުކޮށްފައެވެ.
އޭގެއިތުރުން އިސްރާއީލުގެ ލީޑަރުން ވަނީ ފަލަސްތީނުގެ ރައްޔިތުން އަމިއްލައަށް އެ ސަރަހައްދު ދޫކޮށްލުމަށް މަގުފަހިކޮށްދިނުމަށް ރާވާފައިވާ ކަމަށް ބުނެފައެވެ.
އޭގެކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާއިމީ ގޮތެއްގައި އެތަން ހުސްކޮށް އެމެރިކާގެ ކޮންޓްރޯލްގެ ދަށުން ޣައްޒާ ސަރަހައްދު ރިސޯޓެއްގެ ގޮތުގައި އަލުން ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ވައިގެ ހަމަލާތައް އަލުން ފަށައި، އެއްގަމު މަގުން ހަމަލާތައް ދޭން ފެށީ އެމެރިކާއާއި ޤަތަރާއި މިސްރު މެދުވެރިވެގެން ކުރި މަޝްވަރާތަކަށްފަހު ދެ މަސް ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލާފައި އޮތުމަށްފަހުއެވެ.
އެ މުއްދަތުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުންގެ ބަދަލުގައި ހަމާސްގެ ބެލުމުގެ ދަށުގައިތިބި އިސްރާއީލުން ގިނަ އަދަދެއްގެ ރަހީނުން ވަނީ މިނިވަންކޮށްފައެވެ. ހަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 59 ރަހީނުން ތިބި ކަމަށް އިސްރާއީލުން ބުނެއެވެ.