މިއީ ނުފޫޒެއް ނުފޯރުވާ ނެރުނު އެންމެ ފުރަތަމަ ފްލެޓް ލިސްޓު: ރައީސް

ރަސްމީ ފާލަން މަރާމާތަށްފަހު އަލުން ހުޅުވަން ބޭއްވި ހަފްލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމް، ގެދޮރުވެރިޔާގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު، އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ރިވިއުކޮށް ނިމި މިއަދު އާންމުކުރިއިރު އެ ލިސްޓަށް ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒު ފޯރައިފައި ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމީ ފާލަން ހުޅުވުމަށް މިރޭ އޮތް ހަފްލާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ނެރެވުނު ފްލެޓް ލިސްޓަކީ އެ މަނިކުފާނު ގެދޮރުވެރިކަމުގެ މަސައްކަތުގައި މަސައްކަތްކުރައްވަން ފެށި އެންމެ ޖޫނިއާ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ވެސް ނެރޭނެ އެންމެ އިންސާފުވެރި ލިސްޓު ކަމަށެވެ.

"މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން، އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ގެދޮރުވެރިކަމުގެ ދާއިރާގެ ކަންތަކުގެ މައުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއާ ލެވެލްއިން ފެށިގެން ސަރުކާރުގެ ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ނުފޫޒެއް ނުފޯރުވާ ހައުސިންއިން ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނިކުތް ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒަކީ އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓަރުކަމުގެ މަގާމު އަދައިކުރެއްވި ބޭފުޅާއެެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ވަހީދުގެ ވެރިކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެންދެން ވެސް ހައުސިން މިނިސްޓަރަކީ ރައީސް ޑރ. މުއިއްޒެވެ.

ރައީސް ޔާމީންގެ ފަސް އަހަރު ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއުކަމަށްވާ ހިޔާގެ މަސައްކަތް ވެސް ކުރެވުނީ އޭރު މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ހިޔާ ފްލެޓް ލިސްޓުތަކާއި، ޔާމީންގެ ވެރިކަމުގައި ދޫކުރި އެހެން ފްލެޓްތަކުގެ ލިސްޓުތަކުގެ ސައްހަކަމާމެދު އެއިރު ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ.

އެ ކަންކަމަށް އިޝާރާތް ކުރުމާއެކު މިރޭ އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފްލެޓް ލިސްޓު ރިވިއުކުރުމުގެ މަސައްކަތްކުރީ ވަރަށް އަދަލުވެރިކަމާއި، އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ހެން ކަމަށެވެ.

"އަޅުގަނޑު ހަމަ ޔަގީންކަމާއެކީ އިރާދަކުރެއްވިއްޔާ ދޭނެ ޔަގީންކަމެއް މިއީ، އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ވެސް ނުފޫޒެއް ފޯރުވައިފައި އެއްވެސް ފަރާތަކުން ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓު ރިވިއުކުރީ ކުރީ ސަރުކާރުން އެކުލަވައިލި ކަންކަމުގެ މައްޗަށް ބަލައިގެން ކަމަށެވެ. މި ސަރުކާރުން އެއްވެސް އާ ޝަރުތެއް އިތުރުކޮށްފައި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ގަސްދުގައި އެއްވެސް ރައްޔިތަކު ފްލެޓް ލިސްޓުން އުނިކޮށްފައިނުވާނެ ކަމަށް ވިދާޅުވެފައެެވެ. އަދި ރައްޔިތަކަށް ލިބިފައިވާ އެއްވެސް އެއްޗެއް އަތުލުމުގެ ޝައުގެއް ސަރުކާރުގެ ކިބައިގައި އެއްވެސް މިންވަރަކަށް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

https://sun.mv/203128

އަދި ލިސްޓުގައި ނެތް ރައްޔިތުންގެ ތެރެއިން ޝަކުވާއެއް އޮތް ރައްޔިތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށާއި ކަންބޮޑުވުމެއް އޮތްނަމަ އެ ކަން ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ރައީސްވަނީ މާލޭ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، މި ސަަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތައް ފުރިހަމަވާއިރު މާލޭ ސަރަހައްދުގައި 18 އަހަރު ފުރޭ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމަށް ވެސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.

މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުން ކަމަށެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ޝަރުތު ހަމަވަނީ 1،820 ފަރާތަކަށެވެ.

comment ކޮމެންޓް