ހާސްވާކަށް ނުޖެހޭނެ، ދައުރު ނިމޭއިރު ގެދޮރުވެރިކަން ނުލިބޭ މީހަކު ނުހުންނާނެ: ރައީސް

ރަސްމީ ފާލަން މަރާމާތަށްފަހު އަލުން ހުޅުވަން ބޭއްވި ހަފްލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ވެރިކަމުގެ ދައުރު ނިމޭއިރު، މާލޭގައި ދިރިއުޅޭ 18 އަހަރު ފުރިފައިވާ ހުރިހާ އެންމެނަށް ވެސް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅު އަދި އުތުރުތިލަފަޅުން ވެސް ހައުސިން ޔުނިޓުތަކެއް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ރަސްމާލޭގައި ވެސް ހައުސިން ޔުނިޓުތައް އެޅުމަށް ވަނީ ނިންމައިފައެވެ.

ރަސްމީ ފާލަން މަރާމާތަށްފަހު އަލުން ހުޅުވަން ބޭއްވި ހަފްލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މި ހުރިހާ ކަމެއް ފުރިހަމަވެގެންދާއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވައިފައެވެ.

"މި ހުރިހާ ކަމެއް ފުރިހަމަވެގެންދާއިރުގައި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން އިރާދަ ކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. އެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ކުރިޔަށްދާނީ، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދޭން އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުގެ މަތީގައި ކަމަށެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނުވާނެ ބަޖެޓެއްގެ ގޮތުގައި ރައީސް ސިފަ ކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ މާލެއާއި ވިލިމާލޭގެ އިތުރުން ގުޅީފަޅުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް މި އަހަރު ފެށިގެންދާނެ ކަމަށެވެ.

https://sun.mv/203140

ރައީސް ޑރ. މުއިއްޒަކީ އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓަރުކަމުގެ މަގާމު އަދައިކުރެއްވި ބޭފުޅާއެެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ވަހީދުގެ ވެރިކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެންދެން ވެސް ހައުސިން މިނިސްޓަރަކީ ރައީސް ޑރ. މުއިއްޒެވެ.

ރައީސް ޔާމީންގެ ފަސް އަހަރު ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއުކަމަށްވާ ހިޔާގެ މަސައްކަތް ވެސް ކުރެވުނީ އޭރު މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

comment ކޮމެންޓް