މިސްރާބު ހުރީ ޚުދުމުހުތާރު ވެރިކަމަކަށް، ހިތި ވާނީ ރައްޔިތުންނަށް: ޞާލިޙް

ސުޕްރީމްކޯޓަށް އުއްތަމަފަނޑިޔާރާއި ފަނޑިޔާރަކު ހަމަޖެއްސެވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބާރުތައް މުށުތެރެއަށް އެއްކުރައްވަމުން ކަމަށާއި އެ ކަމުގެ ހިތި ތަހަންމަލުކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އިއްޔެ ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ވަގުތީ އަމުރުތަކާ ގުޅޭ އަޑުއެހުމަށް 10 ވަރަކަށް މިނެޓަށްވެފައި އޮއްވައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރާއިރު ސުލޫކީ މައްސަލައެއް ޖޭއެސްސީން ވެސް އަންނަނީ ބަލަމުންނެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:

  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޞާލިޙް ވިދާޅުވީ، ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް އެ މައްސަލައަށް ސިޔާސީ ނުފޫޒު ވައްދަނީ ސަރުކާރުގެ އިސް ނެގުމުގެ މަތިން ކަމަށެވެ. ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި، ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ކަންކަން ހުއްޓާލައި, ގާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، ރާއްޖެ މި ވަގުތު މިސްރާބު ޖަހާފައި ހުރީ ޚުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށެވެ.

"އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ޙައްޤުތަކާއި, ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ކަމުގެ ހިތި ނަތީޖާ ތަހަންމަލުކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން ކަމަށް ޞާލިޙް ވިދާޅުވިއެވެ.

https://www.sun.mv/203088

ޞާލިޙް ވެރިކަމަށް ވަޑައިގެންނެވިއިރު ސުޕްރީމް ކޯޓު ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން އެ ވެރިކަމުގައި ވަނީ ބަދަލު ކުރައްވައިފައެވެ. އެއަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތް ފަނޑިޔާރުންނަށް އިތުރު ކުރައްވައި އެ ވެރިކަމުގައި ވަނީ ހަތް ފަނޑިޔާރުން އައްޔަން ކުރައްވައިފައެވެ.

މަޖިލީސް މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުންނާއި އިންތިޚާބުވި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ހިލާފު ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކޮށް، ޖުމުލަ ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އޭސީސީން ބަލަން ފަށައި، ޖޭއެސްސީން އެ ފަނޑިޔާރުން ސަސްޕެންޑުކުރީ މި މައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓުވައިދޭށާއި މެންބަރުންގެ ގޮނޑި ގެއްލުނަ ނުދޭން ވަގުތީ އަމުރެއް ނެރެދޭން އެދިފައި އޮއްވައެވެ. އެ މައްސަލަ ކޯޓުގައި ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

comment ކޮމެންޓް