އިހުސާނުގެ އިތުބާރު ނެތްކަމަށް ތުހުމަތުކުރަނީ ރައީސްގެ ތަސައްވުރަށް ހުރަސްއަޅަން: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: އިހުސާނުގެ އިތުބާރު ނެތްކަމަށް ތުހުމަތުކުރަނީ ރައީސްގެ ތަސައްވުރަށް ހުރަސްއަޅަން ކަމަށް އެ މަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރު ނެތްކަމަށް ދައްކަން މަދު ސިޔާސީ ބަޔަކު އިސްވެތިބެ މަސައްކަތް ކުރަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަށް ހުރަސްއަޅައި ގައުމުގެ ހަމަޖެހުން ނަގައިލަން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ވަނީ 12 މެންބަރުންގެ ސޮޔާއެކު އިހުސާނުގެ އިތުބާރު ނެތް މައްސަލަ މީގެ މަހެއްހައި ދުވަސް ކުރި މަޖިލީހަށް ވައްދައިފައެވެ. މި މައްސަލަ މަޖިލީހުގައި ތާވަލްކޮށް ކުރިއަށް ގެންދިޔައީ މިއަދުއެވެ.

މިރޭ ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، ރައީސް މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ޚިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތަށް ހުއްޓުވުމަށް ހޯމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

"އަދި މިދެންނެވި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް،" އެ ޕޯސްޓުގައި ވެއެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލަނީ -- ފޮޓޯ/ މަޖިލިސް

އެހެންކަމުން ރައީސްގެ ތަސައްވުރަށް ހުރަސް އަޅައި ގައުމުގެ ހަމަޖެހުން ނަގައިލުމުގެ ބޭނުމުގައި މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރާކަމަށް އެ ޕޯސްޓުގައި ވެއެވެ.

މި ސަރުކާރަކީ ގާނޫނާ ޚިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫންކަން ނައިބު ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.

އިހުސާނަށް އިދިކޮޅު ފަރާތްތަކުން ކުރާ އެންމެ ބޮޑު ތުހުމަތަކީ އޭނާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑާޓާ ބޭނުންކޮށްގެން ވަގަށް ޕީއެންސީއަށް މެންބަރުން ވެއްދުމެވެ.

https://sun.mv/203022

ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަކު، އިހުސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ.

ވަގު ފޯމު ފުރާ މައްސަލަ ބޮޑުވެފައި އޮއްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލައެއް ވެސް ފެންމަތިވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެއީ ޒިޔާދަށް ނޭނގި ފުރި ފޯމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައެވެ.

ޕީއެންސީން ވެސް ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމު ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީން އޭރު ބުންޏެވެ.

ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

comment ކޮމެންޓް