ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ތެރޭގައި ދެން ސިޔާސީ މަސައްކަތް ނުކުރުމަށް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން އެފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައިރު، މަޖިލީހަށް ވަޑައިގެން އެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ.
އެމްޑީޕީން އެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ، އޭނާ އިސްވެ ހުންނަވައިގެން ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތްކުރީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ލައްވާ ކަމަށެވެ. އަދި އެއްބަސްވެލައްވައި އިހުސާން ވިދާޅުވީ ޑީއެންއާރު ތެރޭގައި ޕީއެންސީ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމާއި ފޮޓޯ ޕްރިންޓު ކުރުން ފަދަ މަސައްކަތްތައް އެތަނުގެ ސިޔާސީ މުވައްޒަފުން ކުރި ކަމަށެވެ.
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލަނީ -- ފޮޓޯ/ މަޖިލިސް
އެެހެންނަމަވެސް، އެކަން ކޮށްގެން ނުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަން ގާނޫނީ ކުށަކަށް ވިޔަސް ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކޮށްގެންވުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން. ޚާއްސަކޮށް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ އަދި ސުވާލު އުފެދިދާނެ ފަދަ ކަމެއް،" އިހުސާން ވިދާޅުވިއެވެ.
"ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް އެފަދަ ތަނެއްގައި ކުރެވިގެން ދިއުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ފަދަ ކަމެއް. އެކަން ނުކުރުމަށް ވާނީ އަންގާފައި. އެކަން އެގޮތަށް ދެން ނުހިނގާނެ،"
އިހުސާން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ކޮންމެ ސިޔާސީ މުވައްޒަފަކު 15 ފޯމު ހަމަ ކުރަން އޭނާ އަމިއްލައަށް އެންގެވި ކަމަށެވެ.
ނަމަވެސް، ޑީއެންއާރުގެ އޮފީސް ތެރޭގައި ފުރީ ސައްހަ ފޯމުތަކެއް ކަމަށާއި އެ ތަނުގައި 'ވަގު ފޯމު'ތަކެއް ފުރި ނަމަ އެއަށް ވުރެ މާ ގިނަ ފޯމުތައް ފުރީސް ކަމަށް އިހުސާން ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ގިނަ އަދަދެއްގެ ވަގު ފޯމު ފުރިކަމަށް މި ފަހުން ވަނީ ތުހުމަތުކޮށްފައެވެ.
ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަކު، އިހުސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ.
ވަގު ފޯމު ފުރާ މައްސަލަ ބޮޑުވެފައި އޮއްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލައެއް ވެސް ފެންމަތިވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެއީ ޒިޔާދަށް ނޭނގި ފުރި ފޯމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައެވެ.
ޕީއެންސީން ވެސް ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމު ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީން އޭރު ބުންޏެވެ.
ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.