އިހުސާން ހާޒިރުކުރި ޖަލްސާ ހޫނުވެ، މީކާއީލް ތަޅުމުން ނެރެފި

އިހުސާން ހާޒިރުކުރި ޖަލްސާ ހޫނުވެ، މީކާއީލް ތަޅުމުން ނެރެނީ --

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވާ، މިއަދުގެ ޖަލްސާ ހޫނުވެ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ތަޅުމުން ބޭރަށް ނެރެފިއެވެ.

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. މިގޮތުން، އެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށެވެ.

އެއާއެކު މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކުރިއެވެ. މިނިސްޓަރު އިހުސާން ވަނީ ޖަވާބުދާރީވެވަޑައިގަތުމަށް ޖަލްސާއަށް ވެސް ހާޒިރުވެވަޑައިގެންފައެވެ.

މައްސަލަ ހުށަހަޅައި، އިހުސާނަށް ޖަވާބުދާރީވެވަޑައިގަތުމަށް ދެއްވި ވަގުތުގައި މެންބަރު މީކާއިލް ވަނީ ގިނަ ނިޒާމީ ނުކުތާތަކެއް ނަންގަވާފައެވެ.

މިނިސްޓަރު އިހުސާން މަޖިލީހުގައި: އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ބަލަނީ -- ފޮޓޯ/ މަޖިލިސް

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2023ގެ ނިޔަލަށް އެމްޑީޕީއަށް ވެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި 520 މީހުން އެމީހުންނަށް ނޭނގި ވަނީ އެ ޕާޓީއަށް ވައްދާފައެވެ. އޭރު ވަޒީރަކަށް ހުންނެވީ ޚުދު އޭނާތޯ އިހުސާން ވަނީ ސުވާލުއުފައްދަވައިފައެވެ.

އެއާއެކު މީކާއިލް ނެންގެވި ނިޒާމީ ނުކުތާއަށް ވަނީ ފުރުސަތު ދެއްވައިފައެވެ.

"ތަފާތަކީ އޭރުގެ ހޯމް މިނިސްޓަރު ހުންނެވީ ފޯމުތައް ފުރަން ޑީއެންއާރުގެ ޕްރެމިސެސް ތެރެއަކު ނޫން. އެއީ ތަފާތަކީ،" މީކާއިލް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިނިސްޓަރު ދައްކަވާ ވާހަކަތަކަކަށް ޖަވާބުދާރީވުމަށް ނިޒާމީ ނުކުތާއެއް ނުނެންގެވޭނެކަމަށް ވިދާޅުވެ، ރިޔާސަތުން ވަނީ ހުރަސްއަޅައިފައެވެ.

އެއަށް ފަހު ވެސް އިހުސާންގެ ވާހަކައަށް ހުރަސްއަޅައި، މީކާއިލް ވަނީ ގިނަ ނިޒާމީ ނުކުތާތަކެއް ނަންގަވައިފައެވެ.

https://sun.mv/202985

އެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނުރުހުން ފާޅުކުރައްވައި މީކާއިލްގެ ނަން އިއްވަވާފައެވެ. ނަމަވެސް، ތަޅުމުން ނުކުމެވަޑައިނުގެން މީކާއިލް މަޑުކުރެއްވި ވަގުތު މަޖިލީހުގެ ސެކިއުރިޓީން މެންބަރު ތަޅުމުން ބޭރަށް ނެރެފައެވެ.

އިހުސާނާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކެއް ވެއެވެ. އެގޮތުން، އެމްޑީޕީން ވަނީ، އިހުސާން ފުލުހުންގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން އެ ޚިދުމަތުގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފައެވެ.

ގާނުނުތަކުގައި ފުލުހުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް މިނިސްޓަރު ހުރަސްއަޅާ ކަމަށް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް