ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ރޭ ބާއްވައިފިއެވެ.
މާލޭގައި ރޭ ބޭއްވި ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިން ކުރިމަތީގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުން ބޭއްވި ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފަށައި ދިދަ ނެގުމަށް ފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ޚާއްސަ ދުއާއެއް ވަނީ ކިޔާފައެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް ޙަސަން ސަޢީދެެވެ. އަދި، ދުއާ އިސްވެ ވިދާޅުވެދެއްވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ނަޡީފެެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި-- ފޮޓޯ/ ފުލުހުން
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރްހާދު ފިކުރީ އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި-- ފޮޓޯ/ ފުލުހުން
މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބޭއްވުނެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.