ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި މައްސަލައިގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަނެ، ބޭރުކޮށްލަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.
ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ ހޮނިހިރު ދުވަހެވެ.
އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އަދި، އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެއެވެ. އޭނާގެ ގެ ވެސް މި މައްސަަލައިގެ ތުހުމަތުގައި ބަލަައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ގެއިން ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ:
- މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
- އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
- ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
- އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ
comment ޢަޙްމަދު
4 day 18 hour ago
މިވެސް ހަބަރު ލިޔާ ގޮތް؟ ކިޔާ ނިމުންއިރުވެސް ނޭނގުނު ބޭރުކުރި ސަބަބެއް. ނޫސް ވެރިން ކިޔެއްމިކުރަނީ ދެން.