ބަލަމުންދާ މައްސަލަތަކާ ގުޅިގެން އަނެއްކާވެސް އޭސީސީން ޕޮލްކޯއަށް ވަދެއްޖެ

ފުލުހުންގެ ފުލެޓުތައް: އޭސީސީން ވަނީ އެތަނަށް ވަދެފައި -- ފޮޓޯ/ މިހާރު ނޫސް، ފަޔާޒް މޫސާ

ކޯޓު އަމުރަކާ އެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން އަނެއްކާ ވެސް ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް މިއަދު ވަދެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ ކޮމިޝަނުން ޕޮލްކޯއަށް ވަނީ ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިމަހުގެ ތިން ވަނަ ދުވަހު ވެސް އޭސީސީން ޕޮލްކޯއަށް ވަނީ ވަދެފައެވެ.

'ބުލޫސް ހައުސިން މަޝްރޫއޫ'ގެ ނަމުގައި ޕޮލްކޯއާ 2013 ވަނަ އަހަރު ހަވާލުކުރި މަޝްރޫއާ ގުޅޭ ރިޕޯޓެއް އޮޑިޓް އޮފީހުން ނެރުނީ މިދިޔަ މަހުގެ 23ގައެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން ދިރާސާކުރަމުން އަންނައިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުން މިހާތަނަށް ނުލިބޭ ކަމަށެވެ.

ޕޮލިސް ފްލެޓްތައް: އެތަނަށް އޭސީސީން ވަދެފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

https://sun.mv/202649

ނާޒިމް ވިދާޅުވީ، އެ މައްސަލައިގައި ނިންމަން ޖެހޭ އެންމެ މުހިންމު ނިންމުމަކަށް އޮތީ މިހާރު ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާ މެދު އަމަލުކުރަންވީ ގޮތް ކަމަށެވެ.

އެހެންވެ، މި މައްސަލަ ކުރިއަށްދާއިރު އެ އޮފިސަރުން މަގާމުތަކުގައި ތިބެގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ދުވަހު އޭނާވަނީ ޕޮލްކޯގައި އިތުރު ކޮރަޕްޝަންތަކެއް ހިންގާ ކަމުގެ ތުހުމަތާ އެކު، ފުލުހުންގެ ވަޒިފާގައި މަސައްކަތް ކުރާ މީހަކު މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/202644

މީގެ ކުރިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުވަނީ، މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު، ފާހަގަވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން, އޭސީސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ކުރިން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ވަނީ، ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ޕޮލްކޯގެ މަޝްރޫއާ ގުޅުންހުރި ވަރަށް ގިނަ ލިޔެކިޔުންތައް ނެތް ކަމަށް ޕްލޮކޯގެ މެނޭޖުމަންޓުން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ. އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

comment ކޮމެންޓް