ޕޮލްކޯގެ މައްސަލަ ބަލާއިރު ފުލުހުންގެ ވެރިން މަގާމުތަކުގައި ބޭތިއްބުމާ މެދު ގޮތް ނިންމަނީ

ޕޮލްކޯގެ މައްސަލަ ބަލާ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ: އެ ކޮމިޓީން ވަނީ، ޕޮލްކޯގެ މައްސަލަ ބަލާއިރު ފުލުހުންގެ ވެރިން މަގާމުތަކުގައި ބޭތިއްބުމާ މެދު ގޮތް ނިންމަން ޖެހޭ ކަމަށް ބުނެފައި -- ފޮޓޯ/ މަޖިލިސް

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އެޅުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގިތޯ ބަލަމުން އަންނައިރު، އެ މައްސަލައާ ގުޅުންހުރި ފުލުހުން މަގާމުތަކުގައި ބައިތިއްބުމާ މެދު ގޮތް ނިންމަން، އެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުންގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

'ބުލޫސް ހައުސިން މަޝްރޫއޫ'ގެ ނަމުގައި ޕޮލްކޯއާ 2013 ވަނަ އަހަރު ހަވާލުކުރި މަޝްރޫއާ ގުޅޭ ރިޕޯޓެއް އޮޑިޓް އޮފީހުން ނެރުނީ މިދިޔަ މަހުގެ 23ގައެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން ދިރާސާކުރަމުން އަންނައިރު، މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުން މިހާތަނަށް ނުލިބޭ ކަމަށެވެ. ނަމަވެސް ފުލުހުން މިހާރު ވަރަށް ގިނަ ލިޔުންތައް ކޮމިޓީއަށް ފޮނުވައިފައިވާ ކަމަށާއި އެ ލިޔެކިޔުންތައް ދިރާސާކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ނިންމަން ޖެހޭ އެންމެ މުހިންމު ނިންމުމަކަށް އޮތީ މިހާރު ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާ މެދު އަމަލުކުރަންވީ ގޮތް ކަމަށެވެ.

"ޑެޕިއުޓި ކޮމިޝަނަރާއި އެސިސްޓެންޓް ކޮމިޝަނަރުން މިހާރު ވެސް ތިއްބެވި ބޭފުޅުން އެބަތިބި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގެ ޗާޓު އެެކެއްގައި ފާހަގަކުރައްވައިފައި ހުރި މުހިންމު އިވެންޓުތައް، 16 އިވެންޓެއް އެބައޮވޭ ހިނގާފައި. މި 16 އިވެންޓުގެ މަރުހަލާތަކުގައި އެ ބޭފުޅުން އެބަހުރި ބައިވެރިވެފައި،" އޭނާ ވިދާޅުވިއެވެ.

ޕޮލިސް ފްލެޓްތައް: އޮޑިޓް ރިޕޯޓްގައި ވަނީ ޕޮލްކޯގެ ވެރިންނަށް ފިޔަވަޅު އަޅަން ލަފާދީފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެހެންވެ، މި މައްސަލަ ކުރިއަށްދާއިރު އެ އޮފިސަރުން މަގާމުތަކުގައި ތިބެގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު އޭނާވަނީ ޕޮލްކޯގައި އިތުރު ކޮރަޕްޝަންތަކެއް ހިންގާ ކަމުގެ ތުހުމަތާ އެކު، ފުލުހުންގެ ވަޒިފާގައި މަސައްކަތް ކުރާ މީހަކު މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ނާޒިމް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ކޮމިޓީގެ މައިކް ކަނޑާލުމުން އިތުރަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތަފުސީލް ލިބިފައިނުވެއެވެ. އަދި މައިކް ކަނޑާލި ސަބަބެއް މަޖިލީހުގެ އިދާރާއިން މިހާތަނަށް ސާފުކޮށްދީފައިނުވެއެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުވަނީ، މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު، ފާހަގަވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/201892

އެ މައްސަލައިގައި މިދިޔަ ހަފުތާގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ވަނީ، ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ޕޮލްކޯގެ މަޝްރޫއާ ގުޅުންހުރި ވަރަށް ގިނަ ލިޔެކިޔުންތައް ނެތް ކަމަށް ޕްލޮކޯގެ މެނޭޖުމަންޓުން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/202420

އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ. އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

comment ކޮމެންޓް