ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރެއަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ރ. އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރެއަށް ސިހުރު ހަދާ މަންޒަރު ފެންނަ ކަމަށް ތުހުމަތުކޮށް ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ. އެ ވީޑިއޯގައި ވަނީ ސިހުރު ހަދާ ކަމަށް ތުހުމަތުވާ ދެމީހެއްގެ ވަނަވަރު ވެސް ހާމަކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ކައުންސިލް އިދާރާގެ ގޯތިތެރެއަށް ފެން އަޅާ މަންޒަރެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، އެ ވީޑިއޯ މިއަދު އެ ޚިދުމަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެ ވީޑިއޯއާ ގުޅޭ މައުލޫމާތު ސާފުކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސިހުރުގެ މައްސަލަތަކަކީ ރާއްޖޭގައި އާއްމު މައްސަލަތަކެކެވެ. ދޭތެރެދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވެއެވެ.