އަންހެން ޓީޗަރަކު ގްރޭޑް އަށެއްގައި އުޅޭ ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލަ ފުލުހަށް ރިިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހު ކަމަށެވެ. މިއީ ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ.
"މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.
މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރަށާއި އަތޮޅު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލު ކުރުމުން މިނިސްޓްރީން ބުނީ މިފަދަ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށެވެ.
ކުޑަކުއްޖަކަށް ޓީޗަރަކު ޖިންސީ ގޯނާކުރި މައްސަލައެއް ދާދި ފަހުން ވެސް ވަނީ ފެންމަތިވެފައެވެ.