ކުޅުދުއްފުށީގެ އަށް ގެޔަކުން، ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި

ކުޅުދުއްފުށި ސިޓީ: އެ ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިވަނީ 10 ގެޔެއް ބަލައި ފާސްކޮށްފައިވޭ -- ފޮޓޯ/އަބޫއިޝް

ކުދުއްދުށި ސިޓީގައި ފުލުހުން މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އަށް ގެޔެއް ބަލައިފާސްކޮށް، ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި އަތުލައިގެންފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޅުދުއްފުށީގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި މިއަދު އެ ސިޓީގައި އޮޕަރޭޝަނެއް ކުރިއަށްގެންގޮސް ކޯޓު އަމުރުގެ ދަށުން 10 ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އޭގެ ތެރެއިން އަށް ގެޔަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި، ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ފެނިގެން، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސިހުރު ހެދުމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ކަމާ ގުޅުން ހުރި ތަކެތި އަތުލައި، އެފަދަ ތަކެތި ގެންގުޅުނު މީހުން ހައްޔަރުކޮށްފައިވެއެެވެ.

comment ކޮމެންޓް