ހަނިމާދޫ އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހދ. ހަނިމާދުއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ހަނިމާދޫ އެއާޕޯޓުގައި ދަންވަރު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއީ:
- ނ. ވެލިދޫ / މޯނިންސަން، ފާޠިމަތު ޝާޙާ ޙަސަން (20އ)
- ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ)
- ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު ޢަބްދުއްސައްތާރު (22އ)
- ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް ޢަލީ ވަޙީދު (28އ)
ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އިންޓެލިޖެންސްއާ ގުޅިގެން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޒުވާނުން ހަރަކާތްތެރިވާ މިންވަރު އިތުރުވެފައިވާއިރު، އެފަދަ ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުމާ ގުޅޭ ކަންބޮޑުވުންތައް ވެސް މިފަހުން ފުލުހުން ފާޅުކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ 1،674 މައްސަލައެއް ހުށަހަޅައިފައިވާއިރު މި އަހަރުގެ މިހާތަނަށް 199 މައްސަލަ ހުށަހަޅާފައިވެއެވެ.