އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަކަށް ޞަލާހު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޒާހިދާއި ޞަލާޙު ހުވައިކުރެއްވުން: އެ ދެބޭފުޅުން ވަނީ އިސީގެ މެންބަރު ކަމަށް އައްޔަނުކުރައްވާފައި ---- ފޮޓޯ/ ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ވަނީ އީސީގެ ރައީސާއި، ނައިބު ކަމަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވި ދެ ނަމަށް ވޯޓަށް އަހައިފައެވެ.

އެއާއެކު ޒާހިދު އައްޔަންކުރަން 68 މެންބަރުން ރުހުން ދިނެވެ.

ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރުމަށް ވޯޓަށް އެހިއިރު 69 މެންބަރުން ވަނީ ރުހުން ދޭން ފެންނަކަމަށް ވޯޓު ދީފައެވެ.

އީސް މުއިއްޒު, އީސީގެ މެންބަރު ކަމަށް ޒާހިދާއި ސަލާހްގެ އައްޔަންކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ. އެ ދެ ބޭފުޅުން އީސީގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ މަހުގެ 16ވަނަ ދުވަހު 68 މެންބަރުންގެ އިއްތިފާގުންނެވެ.

ޒާހިދު ވަނީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަން ކުރައްވައިފައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2020ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ޞަލާހަކީ މީގެ ކުރިން އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު ވެސް އޭނާ ވަނީ މީގެ ކުރިން އަދާކުރައްވާފައެވެ.

comment ކޮމެންޓް