ސުޕްރީމް ކޯޓުގެ ބެންޗަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމަށް ފަނޑިޔާރުގެ ޝަހީދުގެ ނަންފުޅު ފޮނުއްވައިފައެވެ. ފަނޑިޔާރު ޝަހީދު މަގާމަށް އައްޔަންކުރަން ދިރާސާކުރަން އިއްޔެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ ބޭއްވިއެވެ. އެ ކޮމިޓީން ހަތަރު މިނެޓު ތެރޭ ވަނީ ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރަން ފާސްކޮށްފައެވެ.
ކޮމިޓީން ޝަހީދަށް ރުހުންދިނީ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ކޮމިޓީގެ ރިޕޯޓާ މެދު ގޮތެއް ނިންމަން އެޖެންޑާކޮށްފައެވެ. އެ ރިޕޯޓާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 64 މެންބަރުންގެ އިއްތިފާގުން ވަނީ ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރަން ފާސްކޮށްފައެވެ.
ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް އޭނާ ހާސިލުކުރައްވައިފައިވެއެވެ.
މީގެ ކުރިން ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި:
- އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން
- ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމު
- ކްރިމިނަލް ކޯޓުގެ ގާޒީކަން
- ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު
ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމުންނެވެ.
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ، ފަނޑިޔާރުގެ ސުއޫދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އިސްތިއުފާ ނުދެއްވާ ދެ ފަނޑިޔާރުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގައެވެ. އެ ބޭފުޅުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.