ސަރުކާރުން މަޖިލީސް 'ޑެގު ބުރުހަކަށް' ހަދައިފި، ބޭނުންކުރަނީ ހަޑި ފިލުވަން: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: އޭނާ ވިދާޅުވީ، ސަރުކާރުން މަޖިލީހަކީ ޑެގު ބުރުހަކަށް ހަދައިފި ކަމަށް -- ފޮޓޯ/ މަޖިލީސް

ސަރުކާރުން ރައްޔިތުންގެ މަޖިލިސް 'ޑެގު ބުރުހަކަށް' ހަދައިފި ކަމަށާއި މަޖިލީސް މިހާރު ބޭނުންކުރަނީ 'ހަޑި ފިލުވަން' ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެ ނަންފުޅު ތަޅުމުން ފާސްކުރަން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ މައްސަލައަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ތިއްބަވަނީ 'ފިތިފައި' ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް މެންބަރުން ވެސް މި ތިބެނީ ފާޑަކަށް ފިތިފައި. ރޯދަ ވީމަކާ ނޫން އިއްޒަތްތެރި ރައީސް އެ ގޮތަށް އެ ތިބެނީ،" ސަމާސާ ރާގަކަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/203861

އޭނާ ވިދާޅުވީ، ރިޕޯޓުތަކަށް މެންބަރުން ވޯޓު ދޭ ގޮތުން ވެސް މެންބަރުންނަށް ގޮތްގޮތްވާ ކަމަށެވެ. އޭނާ ވަނީ ބައެއް މެންބަރުން އިދިކޮޅު މެންބަރުން ވާހަކަދައްކަވާއިރުގައި ނިޒާމީ ނުކުތާ ވެސް ނަންގަވަނީ ސަރުކާރުގެ ރުހުން ހޯދަން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

"ނިޒާމީ ނުކުތާ ނަގައިގެން އެބަހުރި ސުލޫކީ ކޮމިޓީން މާލިއްޔަތު ކޮމިޓީއާ ހަމައަށް މީހުން ގޮސްފައި. އެހެންވެގެން ނިޒާމީ އެ ނަގަނީ. ކޮންމެހެން މިތާ ނިޒާމީ މައްސަލައެއް އޮވެގެންނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ޒިޔާދު ވިދާޅުވީ މީގެ ފަހުން މެންބަރުން ވަކާލާތުކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ. މިއީ، ސަރުކާރުގެ މަޖިލީހެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: އޭނާ ވިދާޅުވީ، މަޖިލިސް ބޭނުންކުރަނީ ޑެގު ބުރުހަކަށް ކަމަށް -- ފޮޓޯ/ މަޖިލިސް

އެ ކަމަށް ފާޑުވިދާޅުވެ، ޒިޔާދު ވިދާޅުވީ ސަރުކާރުން މަޖިލީސް ބޭނުންކުރަނީ 'ޑެގު ބުރުހެއް' ގޮތަށް ކަމަށެވެ.

"މި މަޖިލީސް ސަރުކާރުން ސިފަކުރަނީ 'ޑެގު ބުރުހެއްގެ' ގޮތުގައި. ސަރުކާރަށް ހެދޭ ހަޑި ފިލުވުމަށާއި ވަޒީރުންގެ އެޅޭ ކޮފީތަށި ސާފުކުރުމަށް މަޖިލީސް މެންބަރުން މި ތިބެންޖެހެނީ ރެއާއި ދުވާލު އަބަދު އެލާޓްގައި. މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫން ވީމާ...،" ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ކޮމިޝަނުން ސިޔާސީ ބޭފުޅުން ވަކިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ވީހާ ވެސް އަވަހަށް ކުރައްވަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވެސް މިއަދު ވަނީ ގޮވާއްލަވައިފައެވެ.

ޒިޔާދު ވެސް ވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ވެސް ވައުދެކެވެ. އެކަމަކު، އެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ވެސް އެކަމެއް ނުކުރެވުނެވެ.

comment ކޮމެންޓް