ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގައި ކޮރަޕްޝަންތަކެއް ހިންގާކަމަށް ބުނާ ރިޕޯޓެއް ލިބިފައި ނުވަކަމަށާއި، ލިބުނު އެއްވެސް ޝަކުވާއަކަށް ފިޔަވަޅު ނާޅާ ނޯންނާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ވަނީ، ޕޮލްކޯގައި އިތުރު ކޮރަޕްޝަންތަކެއް ހިންގާ ކަމުގެ ތުހުމަތާ އެކު، ފުލުހުންގެ ވަޒިފާގައި މަސައްކަތް ކުރާ މީހަކު މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިވާކަން ހާމަކޮށްފައެވެ.
އެ ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ ސިޓީއަކީ މިހާރު ފުލުހުންގެ ވަޒީފާއަދާ ކުރާ "ވިސިލްބްލޯވަރެއްގެ" ފަރާތުން މަޖިލީހުގެ މެއިލަށް ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އަދި މި ސީޓީގައި އެ މީހާ ހަވާލާދީފައި އޮތް އެއް ރިޕޯޓަކީ 2019ވަނަ އަހަރު އޭރުގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ރިޕޯޓެއް ކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެކަމަށް ސީޕީ ހަމީދުގެ ފަރާތުން ފިޔަވަޅު އަޅާފައިނުވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން "ސަން"އިން ހަމީދުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ ބުނާ ރިޕޯޓެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި މި މައްސަލަތަކަކީ ޕޮލްކޯގެ ޕްލެޓުގެ މަސައްކަތް ހިންގަމުންދިޔަ އިރު ހިނގާފައިވާ މައްސަލަތަކެއް ކަމަށާއި އޭރު އޭނާ ހުންނެވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެއީ 2013އިން ފެށިގެން ގާތްގަނޑަކަށް ހައެއްކަ ނުވަތަ ހަތެއްކަ އަހަރު ވަންދެން ހިނގި ކަމެއް. އަޅުގަނޑުގެ ލީޑާޝިޕްގެ ދަށުން ކުރި ކަމަކީ އެ ޕްރޮޖެކްޓް ނިންމުމަށް ކުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ފްލެޓުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ގާބިލުކަން ޕޮލްކޯގެ ކިބައިގައި ނެތްކަން އޭނާ އަބަދު ވެސް ގަބޫލުކުރިކަމަށެވެ. އަދި ޕޮލްކޯއަށް ކުރާ ތުހުމަތުތައް އޮންނާނީ، ފުލުހުންގެ އާ ގާނޫނު އެކުލަވައިލި އިރު ވެސް ޕޮލްކޯއާ ދެކޮޅަށް ވަކާލާތު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މުވައްޒަފުންނާ މެދު އަންނަ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަބަދު ވެސް އަޅަމުން ގެންދިޔަކަމަށެވެ.
"އެއްވެސް ޝަކުވާއެއް ނުވަތަ ތުހުމަތެއް ވަތްގަނޑަށް ލައި އޭގެމަތީގައި އިށިންދެގެން އިނދެފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމީދު އައްޔަން ކުރެއްވީ 26 މާޗު 2019 ވަނަ ދުވަހުއެވެ.
'ބުލޫސް ހައުސިން މަޝްރޫއޫ'ގެ ނަމުގައި ޕޮލްކޯއާ 2013 ވަނަ އަހަރު ހަވާލުކުރި މަޝްރޫއާ ގުޅޭ ރިޕޯޓެއް އޮޑިޓް އޮފީހުން ނެރުނީ މިދިޔަ މަހުގެ 23ގައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ނިންމަން ޖެހޭ އެންމެ މުހިންމު ނިންމުމަކަށް އޮތީ މިހާރު ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާ މެދު އަމަލުކުރަންވީ ގޮތް ކަމަށެވެ.
"ޑެޕިއުޓި ކޮމިޝަނަރާއި އެސިސްޓެންޓް ކޮމިޝަނަރުން މިހާރު ވެސް ތިއްބެވި ބޭފުޅުން އެބަތިބި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގެ ޗާޓު އެެކެއްގައި ފާހަގަކުރައްވައިފައި ހުރި މުހިންމު އިވެންޓުތައް، 16 އިވެންޓެއް އެބައޮވޭ ހިނގާފައި. މި 16 އިވެންޓުގެ މަރުހަލާތަކުގައި އެ ބޭފުޅުން އެބަހުރި ބައިވެރިވެފައި،" އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި މިދިޔަ ހަފުތާގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ވަނީ، ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ޕޮލްކޯގެ މަޝްރޫއާ ގުޅުންހުރި ވަރަށް ގިނަ ލިޔެކިޔުންތައް ނެތް ކަމަށް ޕްލޮކޯގެ މެނޭޖުމަންޓުން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.
ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ. އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.