ސާވާއަށް ދިމާވި މައްސަލައަކުން މުހިންމު ލިޔެކިޔުންތަކެއް ޕޮލްކޯގައި ނެތް: ނިޔާޒީ

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ ބޭފުޅުން: ސާވާއަށް ދިމާވި މައްސަލައަކުން މުހިންމު ލިޔެކިޔުންތަކެއް ޕޮލްކޯގައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައި --- ފޮޓޯ/ މަޖިލީސް

ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސާވައަށް ދިމާވި މައްސަލައެއްގެ ސަބަބުން މުހިންމު ގިނަ ލިޔެކިޔުންތަކެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.

'ބްލޫސް ހައުސިން ޕްރޮޖެކްޓު'ގެ ނަމުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ޚާއްސަކޮށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް، މިދިޔަ މަހު ނެރުނު އޮޑިޓު ރިޕޯޓާ ގުޅިގެން ސުވާލުކުރުމަށް އޮޑިޓް އޮފީހުގެ ބޭފުޅުން މިއަދު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެ ރިޕޯޓާ ގުޅިގެން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވައި ނިޔާޒީ ވިދާޅުވީ، އެ މަޝްރޫއުގެ ކަންކަން ބިޑުކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތް ގޮތް ބަލަން އެ އޮފީހުން މަސައްކަތް ކުރި ކަމަށެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި މެމްބަރުންތަކެއް ---- ފޮޓޯ/ މަޖިލީސް

އެގޮތުން، އެކަމާ ގުޅޭގޮތުން ޕްލޮކޯގެ މެނޭޖުމަންޓާ ވެސް ބައްދަލުކުރި ކަމަށް ނިޔާޒީ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، މަޝްރޫއު ފެށިފައި އޮތީ 2013ގައި، ދެން ޕްލޮކޯގެ މެނޭޖުމަންޓާ ބައްދަލުކުރުމުން އެ ބޭފުޅުން ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ލިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައަކުން. އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެނަށް ބިޑު ކުރުމާއި އިވޭލުއޭޓްކުރުމުގެ ކަންތައް ގޮސްފައި އޮތް ގޮތެއް އެންމެ ރަނގަޅަކަށް ނެތް ސާފުވާކަށް،އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ

ނިޔާޒީ ވިދާޅުވީ، ޕޮލްކޯއިން އެ މައުލޫމާތުތައް ނުލިބުމުން ގެޒެޓުން އެ ލިޔުންތައް ހޯދަން މަސައްކަތް ކުރި ނަމަވެސް ގެޒެޓުގައި ވެސް އެ ލިޔުންތައް ނެތް ކަމަށެވެ. އެހެންވެ، އެކަން ގޮސްފައި އޮތް ގޮތް ނޭނގޭތީ، ތަހުގީގީ އިދާރާތަކުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި އޮތް ބެލުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެއާއެކު، އޮޑިޓް ރިޕޯޓު ނިމުމު ފަހުން ފުލުހުން ބައެއް ލިޔުންތައް ދިން ކަމަށާއި އޮޑިޓް ކުރުމާ ހިސާބަށް ހުރި ލިޔެކިޔުންތަކަށް ބަލާއިރު، ބިޑު ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތް ސާފުނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންގެ ފުލެޓުތައް: ސާވާއަށް ދިމާވި މައްސަލައަކުން މުހިންމު ލިޔެކިޔުންތަކެއް ޕޮލްކޯގައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައި -- ފޮޓޯ/ މިހާރު ނޫސް، ފަޔާޒް މޫސާ

އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކައިފައެވެ. މި ކަމުގައި ޕޮލްކޯގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

https://sun.mv/201892

އެ މަޝްރޫއު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، އަކަފޫޓަކަށް 1،851 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ.

ނަމަވެސް އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނީ އެއީ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށެވެ.

މި މައްސަލައިގައި ޕޮލްކޯގެ ވެރިންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓު އޮފީހުން އަންފާވައިވެއެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތިން ޓަވަރު އެޅީ ޖުމްލަ 361 ފްލެޓާއި 20 ޕެންޓްހައުސްއާ ވެސް އެކީގައެވެ. ދެހާސް ތޭރައިގައި އަމަލީ މަސައްކަތް ފެށި އެ ފްލެޓުތައް ނިމި، މީހުންނަށް ދިރިއުޅެވޭ ވަރުވީ މިދިޔަ އަހަރު ތެރޭގައެވެ.

comment ކޮމެންޓް