ހައްދުފަހަނައަޅާ ވަރަށް ރައީސަށް ބާރު ދިނުމަކީ ސީދާ ސަރުކާރުގެ ވިސްނުން: ހަސަން

އެމްޑީޕީ ހަރުގެ ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ: ވިދާޅުވީ ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދިނުން އެއީ ސީދާ ސަރުކާރުގެ ވިސްނުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރައީސުލްޖުމްޙޫރިއްޔާއަށް 'ހައްދުފަހަނައަޅާ' މިންވަރަށް ބާރުތައް ދިނުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެފަދައިން ވާހަކަދެއްކުމަކީ އެކަން ޔަގީންވާ ކަމެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވުމަށް ފަހު މި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަސަން ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ހަސަން އެފަދައިން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައުމު ހިންގެވުމަށްޓަކައި ހައްދުފަހަނައަޅައިދާ މިންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރުތައް ދެއްވުމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމްދީދީ ވިދާޅުވި ވާހަކައަށް އިޝާރާތްކުރައްވައެވެ.

މެންބަރު ދީދީ ވަނީ އެފަދަ ބާރުތައް ދިނުމުގެ އެންމެ ބޮޑު އެއް މިސާލަކީ ޗައިނާ ކަމަށާއި، އެ ގައުމުގައި ކުށް މަދުވަނީ އެފަދަ ބާރުތައް ރައީސަށް ލިބިފައިވުމުން ކަމަށް ވިދާޅުވެފައެވެ. މި ގައުމުގައި ވެސް ރައްޔިތުން ބޭނުންވަނީ އެފަދަ ގައުމުތަކުގެ ތަރައްގީ ކަމަށާއި އެހެންވެ ޑިމޮކްރަސީއަށް ވެސް ނުބަލައި ރައީސަށް ބާރުތައް ދެއްވަން އޭނާ ގޮވައިލެއްވިއެވެ.

https://sun.mv/202508

އެ ވާހަކައަށް ރައްދު ދެއްވައި ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، މި ފަހަކަށް އައިސް ބައެއް މެންބަރުންގެ ވާހަކަތައް ހުންނަ ގޮތުން ސަރުކާރުގެ ވިސްނުން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. އެގޮތުން، މެންބަރު ދީދީ ދެއްކެވި ވާހަކަތަކުން 'ސިއްސައިގެން' ދިޔަ ކަމަށާއި ގާނޫނުއަސާސީގައި ހުންނަ މާއްދާތަކާއި އަދި ރާއްޖޭގެ ނިޒާމު އޮތް ގޮތުގެ އިތުރުން އާންމު އުސޫލުތައް ވެސް މެންބަރަށް އެނގިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ގާނޫނުއަސާސީގެ ދެވަނަ މާއްދާގައި ކަޅާއި ހުދުން ލިޔެފައި އޮތީ ރާއްޖެއާއި ދައުލަތް ހިންގަންވާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށެވެ.

"އެ އޮތީއޯ ޗައިނާ ވެސް. އެ ބުނާހެން ޑިމޮކްރަސީއެއް ނެތެއްނުންހޯ އެ ތާކު ވެސް. އެއޮތް ތަރައްގީ ވަނީ ނޫންހޯ އެ ތަން ވެސް. އަޅުގަނޑު ހިތަށް އެރީ ނޯތު ކޮރެއާގެ ވާހަކަ ކީއްވެބާއޭ ވިދާޅުނުވީ؟ އެތާ ރައްޔިތުން ވެސް ކައިބޮއެ އެބައުޅޭ،" ހަސަން ފާޑުވިދާޅުވިއެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ: ވިދާޅުވީ ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދިނުން އެއީ ސީދާ ސަރުކާރުގެ ވިސްނުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެހެންކަމުން މެންބަރު އެ ދައްކަވާ ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން ސަރުކާރުގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިއީ އެ ބޭފުޅުންގެ އަދި ސަރުކާރުގެ ވިސްނުންކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެ ވާހަކަ ދައްކަން ފެށީމާ. ކޮންމެކޮންމެ މެންބަރަކު އެހެން ދެއްކީމާ އަޅުގަނޑުމެން މާ ބޮޑަކަށް ހާހެއް ނުވާނެ. އެހެންނަމަވެސް، ބައެއް މެންބަރުން ދައްކަން ފެށީމާ އެބަ އެނގޭ ހަމަ ހަގީގަތުގައި ވެސް ވިސްނުން ހުރީ ހަމަ އެހެންކަން،" އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ރައީސް މުއިއްޒުގެ މައިގަނޑު ވިސްނުމަކީ 2008 ވަނަ އަހަރުގެ ކުރިން މި ރާއްޖެ އޮތް ހާލަތަށް އަނެއްކާ ވެސް އަނބުރާލުން ކަމަށާއި ފެންނަނީ އެ އަމާޒަށް މަސައްކަތްކުރައްވާ މަންޒަރު ކަމަށެވެ.

އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް ނަންގަވައި، މިނިވަން މުއައްސަސާތައް އެ މަނިކުފާނުގެ މުށުތެރެއަށް ލައްވަވައި، ފަނޑިޔާރުންނާއި ކޯޓުތަކަކީ ސީދާ ރައީސުލްޖުމްޙޫރިއްޔާ އެންގެވުމުން އެ އަންގަވާ ގޮތަކަށް ޝަރީއަތްކޮށް ހުކުމްކުރަން ހުރި ތަންތަނަށް ބަދަލުކޮށް، ރައްޔިތުންގެ ޚަޒާނާއަށް ވެރިވެގަތުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެހެންނަމަވެސް، މިއަދު އުންމީދަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއަކީ އެފަދަ ވެރިއަކަށް ޖާގަ ދޭނެ ޕާޓީއެއް ނޫން ކަމަށާއި 'ނުލަފާ ސަރުކާރެއް ސައިޒުކޮށް' އަނބުރާ ވެރިކަމަށް އައުން އެއީ އެމްޑީޕީއަށް ފަސޭހަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/201236

ވަކިން ޚާއްސަކޮށް ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުން އެ ތިބީ 'ދެއަތް ފުރަގަހަށް ލައި ބިޑިއަޅުވައި' މަޖިލިސް ތެރެއަށް ދޫކުރައްވާފައި ކަމަށާއި މަޖިލިސް މިނިވަން ކުރާނީ ވެސް އެމްޑީޕީން ކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީ ދޫކުރައްވައި، އުފެއްދެއްވި ޑިމޮކްރެޓްސްގެ ރައީސްކަމުން ހަސަން ލަތީފް އިސްތިއުފާ ދެއްވާފައިވަނީ ޖަނަވަރީ 11 ގައެވެ. އޭރު ޑިމޮކްރެޓްސް ހިންގެވުމުގައި އިސްކޮށް އުޅުއްވާ ބައެއް އިތުރު ބޭފުޅުން ވެސް އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެ ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވީ އޭރު އެމްޑީޕީގެ ތެރޭގައި ކޮރަޕްޝަނާއި އެ ބޭފުޅުން ގަބޫލުކުރައްވާ ސިޔާސަތުތަކާ ޚިލާފަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެއެވެ. އަދި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރުމަށް ވެސް ޑިމޮކްރެޓްސްއިން މުހިންމު ރޯލެއް އަދާކުރިއެވެ. ނަމަވެސް، މި ސަރުކާރަށް އަހަރެއް ވާން ގާތްވިއިރު އެމްޑީޕީއާއި ޑިމޮކްރެޓްސްއާ މަސައްކަތްކުރަނީ ވަރަށް ގާތްކޮށެވެ.

comment ކޮމެންޓް