ގައުމު ހިންގެވުމަށްޓަކައި ހައްދުފަހަނައަޅައިދާ މިންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރުތައް ދެއްވުމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމްދީދީ މިއަދު ގޮވާލައްވައިފިއެވެ.
ގޭންގު ކުށްތައް ހުއްޓުވަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން މެންބަރު ދީދީ މިއަދު ވިދާޅުވީ، އެފަދަ ގާނޫނެއް ފަރުމާކޮށް އުފައްދާއިރު، ފުލުހުންގެ އިތުރުން ވަޒީރުންނާއި ރައީސަށް ވެސް ބާރުތައް ދޭންޖެހޭނެ ކަމަށެވެ. އަދި އެ ދެވޭ ބާރުތަކުގެ ނާޖާއިޒު ފައިދާ ނަގާނަމަ މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިފައި އޮންނާނެ ކަމަށާއި، މަޖިލީހުން އެފަދަ ފަރާތްތައް ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަން ކުރީމަ ފުލުހުންނަށް ބާރު ދިނަސް ލާހިކެއް ނޫން ފުލުހުންނަށް ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަން. ގެންނަންވީ މަޖިލީހަށް. އެ ފުލުސް މީހާ ކަނޑާލެވޭނެ، ވަޒީރު ވެސް ކަނޑާލެވޭނެ މަޖިލީހުން، އެ ކަންކަން ނުބެލެންޏާ،" ދީދީ ވިދާޅުވިއެވެ.
އެ ވާހަކައަށް ފަހު ދީދީ ވަނީ ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދިނުމަށް ގޮވައިލައްވާފައެވެ.
"ބާރުތަކެއް ދީގެން މައްސަލައެއް ނުޖެހޭނެ. ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅާ ވަރަށް ބާރު ގައުމު ހިންގަން،" ދީދީ ވިދާޅުވިއެވެ.
އެފަދަ ބާރުތައް ދިނުމުގެ އެންމެ ބޮޑު އެއް މިސާލަކީ ޗައިނާ ކަމަށާއި، އެ ގައުމުގައި ކުށް މަދުވަނީ އެފަދަ ބާރުތައް ރައީސަށް ލިބިފައިވުމުން ކަމަށް ދީދީ ވިދާޅުވިއެވެ.
"ޚުދުމުޚުތާރޭ ކިޔަނީ އެކަމަކު އެ ގައުމުތައް މާ އާމަން. މާ ތަރައްގީ. މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީ ނުހިނގާ މަގުތައް ހެދިފައި އޮތީ. ގައުމަށް ލިބޭ ފައިސާ ވަގަށް ނުނަގާތީތާ ތަރައްގީވީ،" މެންބަރު ދީދީ ވިދާޅުވިއެވެ.
ޓޫރިޒަމުން އެތައް މިލިއަން ރުފިޔާއެއް ރާއްޖެ ވަންނައިރު ވެސް ރާއްޖެ ކުރިއަރަންޖެހޭ ވަރަށް ކުރިނާރާކަން ފާހަގަކުރައްވައި މެންބަރު ދީދީ ވިދާޅުވީ ދިވެހި ރައްޔިތުން ވެސް ބޭނުންވަނީ ތަރައްގީއާއި ސުލްހަވެރިކަން ކަމަށެވެ.
އެހެންކަމުން ޑިމޮކްރަސީއަށް ވެސް ނުބެލުމަށް މެންބަރު ވަނީ ގޮވައިލައްވާފައެވެ.
މިއަދު މަޖިލީހުން ވަނީ މި ބިލު އިއްތިފާގުން ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.