ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއަށް ޕާމަނަންޓް ސެކްރެޓަރީއެއް ހޯދުމަށް މިއަދު ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ހަކަތައާ ބެހޭ ވުޒާރާ އެއްކޮށްލެއްވުމަށްފަހު، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ވުޒާރާގެ ވަޒީރުކަމަށް އައްޔަންކުރައްވާފައި ވަނީ ޠޯރިޤް އިބްރާހީމެވެ.
މި ދެ ވުޒާރާ އެއްކޮށްލެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި އިބްރާހިމް ފައިސަލް ވަކިކުރެއްވުމަށްފަހު އެވެ. މިއީ ކޮން ސަބަބަކާ ހުރެ ނިންމި ނިންމުމެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ ވަގުތެއްގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ފާޠިމަތު ޝައުފާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް އަންނަ ހަފުތާގެ އަންގާރަ ދުވެހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވައިލާފައެވެ.
މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ރައީސް ބަދަލު ގެންނަވަމުން އަންނައިރު، މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްގެ މެންޑޭޓުގެ ތެރެއަށް ޕްލޭނިންގ ވަނީ އިތުރުކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ހައުސިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގެ ދަށަށް ބަދަލުކުރައްވައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންްފްރާސްޓްރަކްޗާގެ ނަމަށް ވަނީ ބަދަލުކުރައްވާފައެވެ.
ތިމާވެށްޓާއި ފަތުރުވެރިކަން އެއް ވުޒާރާއަކަށް ބަދަލުކުރުމުން އެކި ފަރާތްތަކުން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން، ބޮޑު ދެ މެންޑޭޓެއް އެއް ވުޒާރާއެއްގެ ދަށަށް ބަދަލުކުރުމުން ސަރުކާރު ހިންގުން އިތުރަށް ހަރުދަނާވާނެކަމާމެދު ގިނަ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.