ދިއްފުށީގައި ފަތުރުވެރިން އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުމުގައި އުޅޭތީ ކަންބޮޑުވުން

ކ. ދިއްފުށި: ދިއްފުށީގައި ނިވާކަން ކުޑަ ހެދުމުގައި ބައެއް ފަތުރުވެރިން އުޅޭތީ ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ---

އާންމުގޮތެއްގައި ޗުއްޓީއަށް ފަތުރުވެރިންނާއި ގިނަ ދިވެހީން ވެސް ދާ އެއް ރަށް ކަމަށްވާ ކ. ދިއްފުށީގައި ނިވާކަން ކުޑަ ހެދުމުގައި ފަތުރުވެރިން, އާންމު ތަންތަނުގައި އުޅޭ އުޅުން އިތުރު ކަމަށް ބުނެ، ބައެއް އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނިމިދިޔަ ރަމަޟާން މަހަށް ފަހު އައި ފިޠުރު އީދުގެ ޗުއްޓީގައި ވެސް ގިނަ ދިވެހީން ވަނީ ޢީދު ފާހަގަކުރުމަށް ދިއްފުއްޓަށް ގޮސްފައެވެ.

އެ ރަށުން 'ސަން' އާ ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނީ، ނިވާކަން ކުޑަ ހެދުމުގައި ފަތުރުވެރިން އެ ރަށުގައި އުޅުން އާންމުވެއްޖެ ކަމަށާއި، ރަށުގައި ރައްޔިތުން ނިކުމެލާނެ ތަންތަން މަދު ކަމަށެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދިއްފުށީ ކައުންސިލުގެ ނައިބު ރައީސް ރަޙްމާ ރުޝްދީ ވިދާޅުވީ، ރަށުގައި ނިވާކަން ކުޑަ ހެދުމުގައި ފަތުރުވެރިން އުޅޭ ކަމުގެ ޝަކުވާ ކައުންސިލަށް އާންމުކޮށް ލިބޭ ކަމަށެވެ.

އެ ޝަކުވާއާ ގުޅިގެން ގެސްޓްހައުސްތަކާ މަޝްވަރާކޮށް، ނިވާކަން ކުޑަ ހެދުމުގައި އެ ރަށުތެރޭ ނޫޅުމަށް ފަތުރުވެރިންނަށް އަންގައި އެ ކަންކަން އިސްލާހުކުރުމަށް ރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ކައުންސިލުން އަންގާފައިވާ ކަމަށް ރަޙްމާ ވިދާޅުވިއެވެ. ކައުންސިލަށް ގާނޫނާއި ގަވައިދުން ބާރު ލިބިދީފައިވާ މިންވަރުން އެ މައްސަލަ ހައްލުކުރެވޭނެ ގޮތުގެ ލަފައެއް ހޯދުމަށް ލޯކަލް ގަވަނަންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދެން މުޅި ރަށުގެ އެކި ސަރަހައްދުގައި ނިވާކަން ކުޑަ ހެދުމުގަ ނޫޅުމާއި އަޅުގަނޑުމެންގެ ކޮމިއުނިޓީ ގައިޑްލައިންސް ފޮލޯކޮށް އިހުތިރާމްކޮށް އެއަށް ރެސްޕެކްޓްކުރުމަށް ހަމަ އެކި ހިސާބުތަކުގައި ބޯޑުތައް ވެސް ވާނީ ހަރުކުރެވިފައި،" ރަޙްމާ ވިދާޅުވިއެވެ.

މާލެއާ ގާތްގަނޑަކަށް 37 ކިލޯމީޓަރު ދުރުގައި އޮންނަ، 1،270 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިއްފުއްޓަކީ ފަތުރުވެރިންނާއި ދިވެހިން ޗުއްޓީއަށް އާންމުކޮށް ގޮސް އުޅޭ ރަށެކެވެ.

ފާހަގަކުރެވޭ ގޮތުގައި، ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ބ. ފުޅަދޫގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި ފަތުރުވެރިން އުޅޭނަމަ، އެ ފަތުރުވެރިޔާއަށް ޚިދުމަތްދޭ ގެސްޓްހައުސްއެއް 750 ރުފިޔާއިން ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމައިފައެވެ.

https://sun.mv/218655

އާންމު ތަންތަނުގައި ބިކިނީގައި އުޅުން ފަދަ ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އޮންލައިން ޕޯޓަލަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް