އީރާން-އެމެރިކާ ހަނގުރާމައިގެ ނޭދެވޭ އަސަރު، ރާއްޖެއަށް ނުކުރާނެ އެއްވެސް ގޮތެއް ނެތެވެ. އެއީ މި ހަނގުރާމަ ފެށުނު އެންމެ ފުރަތަމަ ދުވަހު ވެސް އިގްތިޞާދީ ތަޖުރިބާކާރުން ސަމާލުކަމަށް ގެނައި ވާހަކައެވެ. މެދުއިރުމަތީ ހަނގުރާމައިގެ މައިދާނާ އެތައް ހާސް ކިލޯމީޓަރު ދުރުގައި އޮތް މި ރާއްޖެއަށް ކުރަން އޮތީ މިސައިލެއްގެ ގެއްލުމެއް ނޫނެވެ. އިގްތިޞާދީ ގެއްލުމެކެވެ. އެއީ ގައުމަށް ބޭރު ފައިސާ ވަންނަ އިގްތިޞާދީ މައި އިންޖީނަށް ބޭނުންވާ ހަކަތަ ނުލިބުމެވެ. ރާއްޖެއާއި ޔޫރަޕް ގުޅައިލަދޭ މެދުއިރުމަތީގެ ދަތުރުފަތުރަށް ބުރޫ އަރައި، ފަތުރުވެރިން ރާއްޖެ އަންނަން ބޮޑު ގޮންޖެހުމެއް ކުރިމަތިވުމެވެ. ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެ، ޓޫރިސްޓު ވިޔަފާރީތަކުގެ އާމްދަނީ ދަށްވެ، ގައުމުގެ އާމްދަނީ ދަށްވުމެވެ.
އެންމެ ޒަރޫރީ ތަކެތި ވެސް ބޭރުން އިމްޕޯޓުކުރާ ގައުމަކަށް ރާއްޖެވީއިރު، ބޭރު ފައިސާ ކޮންމެހެން ވެސް ބޭނުންވެއެވެ. އެއީ އެމެރިކާ ޑޮލަރެވެ. ރާއްޖެއަށް ޑޮލަރު ވައްދައިދޭ މައި ސިނާއަތަކީ ފަތުރުވެރިކަން ކަމަށްވާއިރު، މި ސިނާއަތަށް ކުރިމަތިވެދާނެ މިފަދަ ހާލަތަކަށް އަސަރުކުރުމުން ދެން ވާނީ ކިހިނެއްހެއްޔެވެ؟ އެ ފަދަ ހާލަތަކާ މެދު ވިސްނިފައިވޭ ހެއްޔެވެ؟ ދުނިޔެއަށް ކުރިމަތިވާ ހަނގުރާމައިގެ ހާލަތެއްގައި ވިޔަސް، ބަލިމަޑު ކަމެއްގެ ތެރޭގައި ވިޔަސް، ރާއްޖެއިން ވިސްނަންވާނީ ގައުމުގެ އިގްތިޞާދު އެ ކަމަކަށް ބަރޯސާވެފައި އޮތް ސިނާއަތް ހުއްޓުނަ ނުދޭށެވެ.
އަދަދުތަކުން ދައްކަނީ ފަތުރުވެރިން އައިވަރު މަދުވެއްޖެކަން
މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ޓޫރިސްޓުން އަންނަ މައި ރޫޓްތައް ވަނީ ބަންދުކޮށްފައެވެ. ދުބާއީ އާއި ގަތަރަކީ ޔޫރަޕްގެ މަންޒިލްތަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރޫޓްތަކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ، ކޮންމެ ދުވަހަކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުގެ ތަފާސްހިސާބަށް ބެލުމުން ފެންނަނީ މަތިން ތިރިއަށް އަދަދުގެ ރޮނގު ދަށަށް ދާ ތަނެވެ. މާނައަކީ ހަނގުރާމަ ފެށުނުފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެއްޖެ ކަމެވެ. ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މި އަހަރު ފެށުނުފަހުން، ހަނގުރާމަ ފެށުމާ ހަމައަށް ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 7،000 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ފަތުރުވެރިން މި މަހު އައި ގޮތުގެ ތަފާސްހިސާބު -- ޗާޓު: ޓޫރިޒަމް މިނިސްޓްރީ
ނަމަވެސް ހަނގުރާމަ ފެށުނުފަހުން އެ އަދަދުވަނީ ހަތަރުހާހާއި، ފަސްހާހާ ދެމެދުގެ އަދަދަކަށް ދަށްވެފައެވެ. ދުވާލެއްގެ މައްޗަށް ދެހާހެއްހައި ބުކިން ކެންސަލްވެއެވެ. މިދިޔަ ތިން ހަފުތާއަށް ބަލައިނަމަ އެއީ ގާތްގަނޑަކަށް 21 އިންސައްތައިގެ ދަށްވުމެކެވެ. އެއީ ގެއްލުނު އާމްދަނީއެވެ. އެތައް ހާސް ޑޮލަރެކެވެ.
އެހެންކަމުން ހިސާބުތަކުން ދޭ މެސެޖު ވަރަށް ސާފެވެ. ހަނގުރާމަ ފެށުނު ފަހުން ދުވާލަކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެނގުންވާ މިންވަރުގެ ދަށްވުމެއް އަތުވެއްޖެއެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ވަކި ރޫޓަކުން ފަތުރުވެރިން ގެނައުމަށް ބަރޯސާވެ، އެހެނިހެން ފުރުސަތުތައް ހުޅުވައިނުލެވި އޮތުމުގެ ނަތީޖާއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އޭވިއޭޝަން ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަރައި، ޖެޓް ފިއުލްގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ފްލައިޓް ޓިކެޓްތަކުގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މިއީ ވެސް ފަތުރުވެރިން އައުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ރިޕޯޓުތައް ދައްކާ ގޮތުން، ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކާއި ސަޕްލައި ޗެއިނަށް އައިސްފައިވާ ބުރޫއެރުންތަކާ ގުޅިގެން، ޖެޓް ފިއުލް ފީފާއެއްގެ އަގު ވަނީ 85 ޑޮލަރުން ފެށިގެން 200 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 76 އިންސައްތަ އާއި 135 އިންސައްތައާ ދެމެދުގެ ބޮޑުވުމެކެވެ. މީގެ އިތުރުން ސާފުނުކުރާ ތެޔޮ ނުވަތަ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގުވެސް ވަނީ 100 ޑޮލަރާ ގާތްކޮށްފައެވެ. މިކަމުގެ ސަބަބުން އެއާލައިންތަކުގެ ހިންގުމުގެ ޚަރަދު ވަނީ ކުއްލިއަކަށް އެތައް ގުނައެއް ބޮޑުވެފައެވެ.
ތެލުގެ އަގަށް އައި މި ބޮޑު ބަދަލާއެކު، އެއާލައިންތަކުން ދަނީ އެ ކުންފުނިތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި ޓިކެޓްގެ އަގުތައް ބޮޑުކުރަމުންނެވެ. އެމެރިކާ އާއި ޔޫރަޕްގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގު 200 އިންސައްތަ އާއި 300 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، މެދުއިރުމަތީގެ ދަތުރުތަކުގެ އަގުތައްވެސް ވަނީ 135 އިންސައްތައަށް ބޮޑުވެފައެވެ. ބައެއް ހާލަތްތަކުގައި ޓިކެޓްގެ އަގު 400 އިންސައްތައަށް އުފުލިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޓިކެޓްގެ އަގުތައް ބޮޑުވުމާއި ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަތުރުކުރާ މަގުތައް ދިގުކުރަން ޖެހުމާއި ފްލައިޓްތައް ކެންސަލްވުން އާންމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ ދަތުރުކުރުން ފަސްކުރަމުންނެވެ. އޮކްސްފޯޑް އިކޮނޮމިކްސް އިން ލަފާކުރާ ގޮތުގައި، މިއަހަރުގެ ތެރޭގައި މެދުއިރުމައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުން 38 މިލިއަން މީހުން މަދުވެ، ފަތުރުވެރިކަމުގެ އާމްދަނީން 56 ބިލިއަން ޑޮލަރު ގެއްލޭނެއެވެ. މިއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގެ ޑިމާންޑަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
ސީދާ އަސަރު ޓޫރިޒަމް ވިޔަފާރިތަކަށް
ފަތުރުވެރިން އަންނަ މިންވަރު މަދުވާނަމަ، ފަތުރުވެރިންގެ މައްޗަށް ބިނާވެފައި ހުރި ކޮންމެ ޚިދުމަތަކަށް ވެސް އޭގެ ގެއްލުން ވާނެއެވެ. ފަތުރުވެރިން ޒިޔާރާތްކުރާ މިންވަރު މަދުވާނަމަ، އޭގެ ސީދާ ގެއްލުން ރިސޯޓުތަކާއި، ގެސްޓު ހައުސްތަކަށް ކުރާނެއެވެ. ފަތުރުވެރިންނަށް ފޯރުކޮށްދޭ މަތީފަންތީގެ ޚިދުމަތްތަކުން ލިބޭ އާމްދަނީއަށް އަސަރުކުރާނެއެވެ. އެ އާމްދަނީން މުސާރަ ލިބޭ އެތައް ހާއްސަ ރިސޯޓު މުވައްޒަފަކަށް ވެސް މިއީ ކުރިމަތިވާނެ ގޮންޖެހުމެކެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދު ދަށްވެ، ލިބޭ ޖުމްލަ އާމްދަނީއަށް ނޭދެވޭ އަސަރު ފޯރާނެއެވެ. އަމުދުން، އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ މި ދުވަސްވަރުގެ ތެރެއަށް މިފަދަ ބޮޑު ހަމަނުޖެހުމެއްގެ ވިލާގަނޑު ފޯރުމަކީ މި ގެއްލުން އެންމެ ބޮޑުވާނެ ސަބަބެވެ. އެހެންކަމުން ފަތުރުވެރިންގެ އަދަދު މަތިނުވެއްޖެނަމަ މިއީ ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމެކެވެ.
"އާންމުކޮށް ގެސްޓު ހައުސްއަކީ މި ދުވަސްވަރު ވަރަށް ފުލްކޮށް އޮންނަ ތަނެއް. އަބަދުވެސް ބުކިންތައް ފުލްކޮށް އުޅޭނީ. އެކަމަކު ހަނގުރާމައާ އެކު މިހާތަނަށް ކެންސަލްވެއްޖެ ބައެއް ބުކިންތައް. މި ގޮތަށް ކެންސަލްވަމުންދާނަމަ އެއީ ހަމަ ދައްޗަކަށް ވާނީ،" މާލެ އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރީގައި އުޅުއްވާ ބޭފުޅަކު ވިދާޅުވިއެވެ.
އެހެންކަމުން މި ފަދަ ހާލަތެއް ދިގުދެމިގެންދާނަމަ، ފަތުރުވެރިންނަށް ޚިދުމަތްދޭ ވިޔަފާރިތަކަށް، ހިންގުމަށް ބޭނުންވާ ލުއިތައް ދިނުން އެއީ ސަރުކާރުން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތައް ކަމަށް އެ ވިޔަފާރިވެރިޔާ ވިދާޅުވިއެވެ. ޚާއްސަކޮށް އެ ވިޔަފާރީއެއްގެ ކޭޝްފްލޯއަށް ނޭދެވޭ އަސަރު ނުކުރާނެހެން، ދައުލަތުގެ ކޮންޓްރޯލް ހުރި ކަންކަމުގައި ލުއިދިނުމާމެދު މިހާރުއްސުރެ ވިސްނައި އަވަސް ފިޔަވަޅު އެޅުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރިސޯޓެއް. ފޮޓޯ/މޯލްޑިވްސް.ނެޓް
ހަމައެކަނި މެދުއިރުމަތީގެ ޓްރާންސިޓް ހަބުތަކަށް ބަރޯސާވުމަކީ ހައްލެއް ނޫން
ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި، އެއާލައިންތަކުގެ ކަންކަމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު، މުޙައްމަދު ފިރާގު "ސަން"އާ ވާހަކަދައްކަވަމުން މީގެކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ބޮޑު ބައެއް އޮތީ ޔޫރަޕުގައެވެ. ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 55 ޕަސެންޓަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ މެދުއިރުމަތީގެ ކޮންމެވެސް އެއާޕޯޓެއްގައި ޓްރާންސިޓުވުމަށްފަހުގައެވެ. ރާއްޖެ އަންނަ ފަތުރުވެރިން މި އަންނަނީ ކޮންމެވެސް އެއް ދިމާލަކުންނެވެ. މިއަދު މި ފެންނަނީ އެ ދޮރު ބަންދުވުމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ދައްޗެވެ.
އެހެންކަމުން މި ހާލަތުގައި އެންމެ ފުރަތަމަ، އަދި މިހާރު ވެސް ކުރަންވީ ކަމަކީ، މެދުއިރުމަތީގެ ޓްރާންސިޓް ހަބްތަކުގެ އިތުރަށް އެފްރިކާ ބައްރާއި، އޭޝިއާގެ އެހެނިހެން ސަރަހައްދުތަކުން ރާއްޖެއަށް ފަސޭހައިން ފަތުރުވެރިންނަށް އާދެވޭނެ މަގުތައް ފަހިކުރުމެވެ. އެއާލައިންތަކަށް ލުއިދީ، އިތުރު އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ބާއްވާނެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.
މި މަހުގެ 12ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ގެއްލިގެންދާ އާމްދަނީ އަނބުރާ ހޯދުމަށް އެހެން މާކެޓްތަކުން ފްލައިޓްތައް އިތުރުކުރުމާއި އެ މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.
"މި ވަގުތު އެންމެ ފޯކަސްއެއް ދީގެން މަސައްކަތްތަކެއް ކުރަން ޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ، އަދި ރަޝިއާ ކަމުގައި ވާތީ އެ ތަންތަނުން ވެސް އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައްކޮށް، ކުރިއެރުންތަކެއް ވަނީ ލިބިފައި،" ޠާރިގު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމް ނޫސްވެރިންގެ މީގެ ކުރިން ބައްދަލުވުމުގެއް --- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ޓާކިޝް އެއާލައިންގެ ދަތުރުތައް ހޯދުމަށް ތުރުކީ ސަރުކާރާ އެކު ވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އިޝްތިހާރުގެ މަސައްކަތްތައް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ކުރަމުންދާނެ ކަމަށް މިދިޔަ އާދީއްތަ ދުވަހު ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ މި އަންނަ މަހުގެ ތެރޭގައި އިތުރަށް ފެއާތަކުގައާއި، ޕާސަނަލީ ދަތުރުތައް ކޮށްގެން އެ މަސައްކަތް އިތުރަށް ޓޫރިސްޓުން ގެންނަން ކުރަން،" މިދިޔަ އާދީއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.
މިއީ ކޮންމެހެން މިހާރަށް މުހިންމު ކަންކަމެވެ. ފަތުރުވެރިން ރާއްޖެ ގެނެވޭނެ މަގުތައް ތަނަވަސްކުރަންޖެހެއެވެ. ނޫންނަމަ، މިއީ ޓޫރިޒަމް ވިޔަފާރިތަކަށް ވެސް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
ބޭނުންވަނީ އަވަސް ފިޔަވަޅާއި، ދުރާލައި ތައްޔާރުވުން
ދުނިޔޭގެ އިގްތިޞާދަށް ކުރާ ނޭދެވޭ އަސަރު، ދިވެހި އިގްތިޞާދަށް ނޭނގި ނުދާނެއެވެ. ފަތުރުވެރިކަން ފަދަ، ބައިނަލްއަގްވާމީ ދަތުރުފަތުރާއި، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުން އޮތް ދާއިރާއަކަށް އިގްތިޞާދު ބިނާވެފައި އޮތްއިރު، އެއް ހާލަތު މެދުވެރިވެއްޖެނަމަ، އިތުރު ޕްލޭންތަކެއް ތައްޔާރުކޮށްފައި އޮންނަންޖެހެއެވެ. ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފަށަންޖެހޭނީ ގެއްލުމުގެ ރާޅު ބިންދައިލުމުންނެއް ނޫނެވެ. ނަމަވެސް މިހާތަނަށް ފެންނަން އޮތީ އަބަދުވެސް ހާލަތެއް މެދުވެރިވުމުން ނޫނީ، 'ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް' އެކުލަވައި އިތުރު ގޮތެއް ހޯދަން މަސައްކަތް ނުކުރާ ކަމެވެ. ހަނގުރާމަ ފެށި ހޭދަވި، ފުރަތަމަ ދެ ތިން ދުވަހުން އެކަން ހާމަވެއެވެ.
ރާއްޖޭގެ މައި އެއާޕޯޓުކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެތައް ހާސް ފަތުރުވެރިން ތިބެންޖެހުނީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. ޓުއާ އެޖެންޓުންނަށް، ޓޫރިޒަމް މިނިސްޓްރީން ލިބުނު އިރުޝާދެއް ނެތެވެ. ކުރިއާލާ މިފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ވާހަކައެއް ދެކެވިފައި ނެތެވެ.

އެމެރިކާ-އީރާން ހަނގުރާމަ ފެށިގެން ފުރަތަމަ ދެ ދުވަހެއް ތެރޭ ވީއައިއޭގައި ނުފުރިފައި ތިބި ފަތުރުވެރިންތަކެއް -- ފޮޓޯ: ސަން
"ވަރަށް އެރޭޖްމަންޓުތައް ގޯސްކޮށް އޮތީ. އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން އަޅުގަނޑުމެންނާ އެ ވަގުތު ނެތް ކޯޑިނޭޝަނެއް. ނަމަވެސް އެ ފަދަ ސިޗުއޭޝަނެއްގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފަތުރުވެރިންނަށް މަގުދައްކައިދޭން، އެމްއޭސީއެލުން ފުރަތަމަ މެސެޖު ދޭންވާނީ ޓުއާ އެޖެންޓުންނަށް. އަޅުގަނޑުމެންނަށް ވެސް އެ އިންސްޓްރަކްޝަންތައް ލިބެންވާނެ،" ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
ބައިގަރުނުވީ ސިނާއަތެއް ދެތިން މަހެއްގެ ތެރޭ އަޑިއަޅައިލަން ދޫކޮށްލެވިގެން ނުވާނެއެވެ. މިފަދަ ހާލަތެއް ކޮންމެ ވަގުތެއްގައި ވެސް އަތުވެދާނެ ކަމަށް ދުރާލައި ތައްޔާރުވުން މުހިންމެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ސަރުކާރާއި، އެއާޕޯޓު ހިންގާ ކުންފުނިން އެކުވެ މަޝްވަރާކޮށް ޕްލޭނެއް ހަދަންޖެހެއެވެ.
މެދުއިރުމަތީގެ މި ހަނގުރާމައިން އެއް ކަމެއް ވަރަށް ސާފުވެއްޖެއެވެ. އެއީ ދުނިޔޭގައި ހިނގާ މިފަދަ ބޮޑު ހަމަނުޖެހުމެއްގެ އަސަރު ދިވެހީންގެ ޖީބަށް ސީދާ ކުރާކަމެވެ. ދިވެހި އިގްތިޞާދަށް ފަތުރުވެރިކަމުން ފޯރުކޮށްދޭ ހަކަތައަށް ސީދާ ނޭދެވޭ އަސަރު ފޯރުވާ ކަމެވެ. މިހާރުގެ ހާލަތުން ބުނެދެނީ އާ މަގުތައް ހޯދުން އަވަސްކުރަންޖެހޭ ކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ އެކި ގޮތްތައް އަވަހަށް ފަހިކުރަންޖެހޭ ކަމެވެ. މުހިންމީ ހަރުދަނާ ފިޔަވަޅުތަކެއް އެޅި، ނަތީޖާ ފެނުމެވެ.