މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އެ މިނިސްޓްރީގެ ވަޒީރަކަށް ތޯރިގް އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައި މިނިސްޓަރު ވަނީ ހުވައި ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސެވެ.
މަގާމަށް ތޯރިގު އައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާ ބައްދަލުކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ފައިސަލް މިނިސްޓަރުކަމަށް އައްޔަންކުރީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، ނޮވެމްބަރު 17، 2023 ގައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމަށް ފައިސަލް އައްޔަންކުރެއްވުމުން ބައެއް ފާޑުކިޔުންތައް އަމާޒުވިއެވެ. އެކަމަކު، އޭރު ސަރުކާރުން ރަސްމީ ސިފައެއްގައި އެ ކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.
ފައިސަލް އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ.