ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މުހިންމު މާކެޓްތަކުގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ މައުރަޒުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދިވެހި ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ފުރުސަތު ހުޅުވާލައިފިއެވެ.
ވީއެމްސީން ބުނީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަނެ، އެ ކަންކަމަށް ދުރާލާ ތައްޔާރުވުމަށް ވިޒިޓް މޯލްޑިވްސްއިން މުހިންމު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކޮށް ވަރުގަދަ ކުރުމަށް ޓަކައި އަޅަން ޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށާއި، އެ ބަދަލުތަކާ ގުޅިގެން ސިނާއަތުގެ ބައިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވީއެމްސީން ބުނީ، އެ މަސައްކަތްތަކުގެ ތެރެއިން، ބައިނަލްއަގުވާމީ މާކެޓްތަކުގެ އިތުރު މައުރަޒުތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި މާކެޓްތައް ސިންދަފާތު ކުރުންކަން ވީއެމްސީން ފާހަގަކުރިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް އެ މައުރަޒުތަކުން ފަހިވާ ކަމަށް ވީއެމްސީން ބުންޏެވެ.
މި އަހަރު ކުރިއަށް ހުރި ބައިނަލްއަގުވާމީ މައުރަޒުތައް:
● އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ: ބާކޫ، އަޒަރުބައިޖާން: 3 - 5 އެޕްރީލް 2026
● ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް: ހަނޯއީ، ވިއެޓްނާމް: 9 - 12 އެޕްރީލް 2026
● ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއާ: އަލްމަޓީ، ކަޒަކިސްތާން: 22 - 24 އެޕްރީލް 2026
● އައި.ޓީ.ބީ ޗައިނާ: ޝަންހާއީ، ޗައިނާ: 26 - 28 މެއި 2026
● ތައިލެންޑް ޑައިވް އެކްސްޕޯ: ބެންކޮކް، ތައިލެންޑް: 21 - 24 މެއި 2026
● ޓްރެވަލް މީޓް އޭޝިއާ: ޖަކާޓާ، އިންޑޮނޭޝިއާ: 23 - 24 ޖޫން 2026
● ބެއިޖިން އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ: ބެއިޖިން، ޗައިނާ: 27 - 29 ޖޫން 2026
● އައި.އެލް.ޓީ.އެމް އޭޝިއާ: ސިންގަޕޯ: 29 ޖޫން - 2 ޖުލައި 2026
● ޓީ.ޓީ.އެފް ކޮލްކަޓާ: ކޮލްކަޓާ، އިންޑިއާ: 9 - 11 ޖުލައި 2026
● އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާޓް: ބެންގަލޫރު، އިންޑިއާ: 23 - 25 ޖުލައި 2026
● ޓީ.ޓީ.އެފް މުމްބާއީ: މުމްބާއީ، އިންޑިއާ: 20 - 22 އޯގަސްޓް 2026
● ޕާޓާ ޓްރެވަލް މާޓް: ބެންކޮކް، ތައިލެންޑް: 26 - 28 އޯގަސްޓް 2026
● އައި.ޓީ.އީ ހޯޗީމިން ސިޓީ: ހޯޗީމިން ސިޓީ، ވިއެޓްނާމް: 27 - 29 އޯގަސްޓް 2026
● އައި.ޓީ.ބީ އިންޑިއާ: މުމްބާއީ، އިންޑިއާ: 1 - 3 ސެޕްޓެމްބަރު 2026
● ބީ.އެލް.ޓީ.އެމް އިންޑިއާ: ނިއުދިއްލީ، އިންޑިއާ: 2 - 4 ސެޕްޓެމްބަރު 2026
● އޭޝިއަން ޓޫރިޒަމް ފެއާ: ޑާކާ، ބަންގްލަދޭޝް: 17 - 19 ސެޕްޓެމްބަރު 2026
● އިސްތަންބޫލް ޓޫރިޒަމް ފެއާ: އިސްތަންބޫލް، ތުރުކީ: 24 - 25 ސެޕްޓެމްބަރު 2026
● ކޮޓަމް ޗައިނާ – ބެއިޖިން، ޗައިނާ: 14 - 16 އޮކްޓޫބަރު 2026
● ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް: ރިމިނީ، އިޓަލީ: 14 - 16 އޮކްޓޫބަރު 2026
● އައި.ޓީ.ބީ އޭޝިއާ – ސިންގަޕޫރު: 18 - 20 އޮކްޓޫބަރު 2026
● ބަންގްލަދޭޝް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ: ޑާކާ، ބަންގްލަދޭޝް: 29 - 31 އޮކްޓޫބަރު 2026
● އައި.ޓީ.ބީ އެމެރިކާ: ގުއަޑަލަހާރާ، މެކްސިކޯ: 10 - 12 ނޮވެމްބަރު 2026
● ތަޝްކަން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ: ތަޝްކަން، އުޒްބެކިސްތާން: 26 - 28 ނޮވެމްބަރު 2026
ވިޒިޓް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ގުޅިގެން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަކީ ހަރުދަނާ އަދި ކުރިއަރަމުންދާ ސިނާއަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.