ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 36،753 އަށް އަރައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެންމެ މުވައްޒަފުން ގިނަ ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑެވެ.
އެ ކުންފުނީގައި 7،045 މުވައްޒަފުން ތިބިއިރު، އެމްޓީސީސީގައި 4،762 މުވައްޒަފުން އެބަތިއްބެވެ. އަދި، 4،518 މުވައްޒަފުންނާއެކީ ތިންވަނައަށް އެންމެ ގިނަ މުވައްޒަފުން ތިބީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައެވެ.
މި ރިޕޯޓު ދައްކާގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 16 ކުންފުންޏަކީ ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ (ސެލްފް ސަފިޝެންޓް) ކުންފުނިތަކެވެ. އަދި، 14 ކުންފުންޏަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން (ގަވަންމެންޓް ފަންޑެޑް) ކުންފުނިތަކެވެ.
ކުރީ ކުއާޓަރަށްވުރެ ސަރުކާރު ކުންފުނިތަކުގައި 2،698 މުވައްޒަފުން އިތުރުވެފައިވާއިރު، މުވައްޒަފުންގެ ޚަރަދު އެންމެ ބޮޑު ކުންފުންޏަކީ އެމްއޭސީއެލެވެ. އެ ކުންފުނިން މުވައްޒަފުންގެ ޚަރަދަށް 270.68 މިލިއަން ރުފިޔާ ހޭދަކުރެއެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އަލަށް އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑާއި ޑިވަލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ރިވިއު ފެށޭނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެންނެވެ.
ސަރުކާރު ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކަށް ހެދުމުގެ ބޭނުމުގައި ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސް ވެރިންގެ މުސާރަ 90،000އަށް ކުޑަކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ކުންފުނިތަކަށް އަންގާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 36،000 އިން މައްޗަށް އަރާފައިވާއިރު، ސަރުކާރު ކުންފުނިތަކަށް ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި މުވައްޒަފުން ވައްދާކަމުގެ ތުހުމަތު އަބަދު ވެސް ކުރެވެއެވެ.