ސަރުކާރަށް މަސައްކަތް ނުފޮނުވޭތީ، މަޖިލީހުގައި މިހާރު މަސައްކަތެއް ނެތް: ފިއްޓޭ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ): ވިދާޅުވީ ސަރުކާރަށް މަސައްކަތް ނުފޮނުވޭތީ، މަޖިލީހުގައި މިހާރު މަސައްކަތެއް ނެތް ކަމަށް -- ފޮޓޯ: މަޖިލިސް

ސަރުކާރަށް ރައްޔިތުންގެ މަޖިލީހަށް މަސައްކަތް ނުފޮނުވޭތީ، މިހާރު މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސެވެ. ހެނދުނު 10:30 ގައި ފެށި މަޖިލީހުގެ ޖަލްސާ 12:00 ޖަހަން ވާއިރަށް ވަނީ ނިންމާލައިފައެވެ.

އެ ބަހުސްގައި މެންބަރު ވިދާޅުވެފައި ވަނީ މިހާރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރައްވާނެ މަސައްކަތެއް ނެތް ކަމަށެވެ. ދައުލަތަށް އިތުރު ބަންޑާރަ ނައިބަކު އައްޔަނުކޮށްގެން ވިޔަސް މަޖިލީހަށް ބޭނުންވާ މަސައްކަތް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ، މަޖިލީސް ޖަލްސާ ނިންމާލުމުގެ ކުރީން [މަޖިލިސް] ރައީސަށް ތި ވިދާޅުވާން ޖެހެނީ މިއަދު އޮތޭ ތިން ކޮމިޓީ. ކޮންމެ ކޮމެޓީ ރޫމެއްގައި ހުރި ގޮނޑި މޭޒުގެ އަދަދަށް ދަންދެން ރައީސް އެބަ ޖެހޭ ކިޔައިދޭން. ހަގީގަތަކީ ކަމެއް ނެތީ މިތާ. މި މަޖިލީހަކު ނެތް ކަމެއް

ފިއްޓޭ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސަރުކާރު ނުހިންގޭ ކަމަށާއި ހީވާގޮތުން އައުޓް ސޯސްކޮށްގެން ގައުމު ހިންގަނީ ހޯމް މިނިސްޓަރު އަލީ އިހުސާނު ކަމަށެވެ. އެކަށީގެންވާ މިންވަރަށް މަޖިލީހަށް މަސައްކަތް ނާންނަ ކަމަށްވާނަމަ، އެއީ މެންބަރުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި މަސައްކަތެއް ނެތުމުން މިވަގުތަށް އެންމެ ރަނގަޅީ މަޖިލިސް ބަންދުކުރުން ކަމަށް ފިއްޓޭ ގަބޫލުކުރައްވަައެވެ. އޭގެއިތުރުން، މެންބަރު ފިއްޓޭ ވަނީ ކޮމިޓީތަކުގައި ވެސް މިހާރު ކުރާނެ މަސައްކަތެއް ނެތް ކަން ފާހަގަކުރައްވާފައެވެ.

މިސާލެއްގެ ގޮތުން، އޭނާ ވިދާޅުވީ، ފޮރިން ރިލޭޝަން ކޮމިޓީ ކޮންމެ ދުވަހަކު ވެސް ބާއްވާ ކަމަށާއި އެމްބެސަޑަރު އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުން ނޫން މަސައްކަތެއް އެ ކޮމިޓީގައި ނެތް ކަމަށެވެ.

ފިއްޓޭ ވަނީ ދަތުރުވެރިންގެ މާރުކޭޓުގައި ކާށީގެ އަގު ބޮޑުވުމުން އެކަމާ ގުޅުވައި ވާހަކަދައްކަވާފައެވެ. މިގޮތުން، ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގެ ގޮތުން ކާށީގެ އަގު ހެޔޮ ކުރަން މަސައްކަތް ކުރުން ރަނގަޅުކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކުރަންޏާ މިއަދު 40އަށް ކާއްޓެއް. ކާށި އަގު ހެޔޮ ކުރަން އަޅުގަނޑުމެން މަސައްކަތެއް ކުރަންވީނުންތޯ. އެބުނާ ކަހަލަ ސައްހަ ކުއްލި މައްސަލައެއް ލާންވީނުންތޯ ރޯދައަށް އެއްޗެހި އަގުބޮޑުވާތީ. ކާއްޓެއް 60 އަށް، ރައީސަކަށް ތައުރީފު ކޮށްލަންޏާ ރަނގަޅު ވާހަކައެއްނު. ދިވެހިރާއްޖޭގެ ރައީސަކު އަދި ނެތް 60 އަށް ކާއްޓެއް ވިއްކާފައެއް. މިއީ މިއަދުގެ ހާލަތު

ގައުމުގެ ހާލަތާ ގުޅުވައި ދައްކަން ހުރި ބައިވަރު ވާހަކަ ހުރި ނަމަވެސް، މައުޟޫއާ އެއްގޮތަށް ވާހަކަދައްކަން ޖެހޭތީ އެކަން ނުކުރެވޭކަން ފާހަގަކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ އެދިލެއްވުމަށް ފިއްޓޭ ވަނީ އޭނާގެ ވާހަކަ ކުރުކޮށްލައްވާފައެވެ.

comment ކޮމެންޓް