އީސީގެ މެންބަރު ކަމަށް ޒާހިދާއި ސަލާޙު އައްޔަން ކުރައްވައިފި

ޒާހިދާއި ސަލާޙު ހުވައިކުރެއްވުން: އެ ދެބޭފުޅުން ވަނީ އިސީގެ މެންބަރު ކަމަށް އައްޔަނުކުރައްވާފައި ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު, އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މުހައްމަދު ޒާހިދާއި އަބްދުއްރަހްމާން ސަލާހް ރަޝީދު މިއަދު އައްޔަން ކުރައްވައިފިއެވެ،

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ ޒާހިދާއި ސަލާޙް އީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

ޒާހިދު އީސީއަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

އެ ދެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށްވާއިރު، ޒާހިދާއި ސަލާޙް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައެވެ،

މި މަހުގެ 16ގައި މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުން ވަނީ އެ ދެބޭފުޅުން އީސީގެ މެންބަރު ކަމަށް އައްޔަންކުރަން ފާސްކޮށްފައެވެ.

ސަލާހު, އީސީއަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލު ކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

https://sun.mv/201448

އީސީގެ ދެ މަގާމެއް ހުސްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާއެކު އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކި ކުރުމުންނެވެ.

މުހައްމަދު ޒާހިދު ވަނީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2020ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ.

ޞަލާހަކީ މީގެ ކުރިން އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު ވެސް އޭނާ ވަނީ މީގެ ކުރިން އަދާކުރައްވާފައެވެ.

comment ކޮމެންޓް