ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރަން ބިލެއް ހުށަހަޅަނީ

ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓްނުކުރެވޭ ކަމަށާއި އެހެންވެ، އެ ކަންކަން ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކުރަން ބިލެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މި ފަހުން ވެސް މީޑިއާ ރެގިއުލޭޓްކުރަން ބިލެއް ހުށަހެޅިއެވެ. އެކަމަކު، ނޫސްވެރިންގެ ކަންބޮޑުވުން ބޮޑުވުމާ އެކު، އެ ބިލު ފަހުން ވަނީ ބޭރުކޮށްލައިފައެވެ.

ސަން އޮންލައިންގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެހެންވެ މީޑިއާތަކާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓްކުރުމާ ބެހޭ އާ ބިލެއްގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއްހައި ދުވަސްވެއްޖެ ކަމަށެވެ. އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މަޖިލީސް ހުޅުވުމާ އެކު މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅައި، ހިޔާލަށް ފުރުސަތު ހުޅުވައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ބްރޯޑްކޮމް އެބައޮވޭ، މީޑިއާ ކައުންސިލް އެބައޮވޭ. މީޑިއާ ކައުންސިލަށް ވެސް ގާތްގަނޑަކަށް އަހަރު 10 މިލިއަން ރުފިޔާ ނޫނީ މި ދެ ތަނަށް އެއްކޮށް އެހާކަންހާވަރު އެބަ ޚަރަދުވޭ. ދެން އަނެއްކާ ފަންކްޝަންތައް މި ހުންނަނީ ޑުޕްލިކޭޓްވެފައި،" އޭނާ ވިދާޅުވިއެވެ.

ނާޒިމް، 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި: އޭނާ ވިދާޅުވީ، މީޑިއާ ރެގިއުލޭޓްކުރާ ބިލެއް ހުށަހަޅަން ތައްޔާރުވާ ކަމަށް -- ފޮޓޯ/ މަޖިލީސް

ނާޒިމް ވިދާޅުވީ، ނޫސްވެރިން މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. މިހާރު އެ ކަންކަން ކުރިއަށްދަނީ އެންމެ ޒިންމާދާރު ގޮތުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީޑިއާ ވެސް އެބަޖެހޭ ޒިންމާދާރުވާން. މީޑިއާއިން ބުނަނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓްކުރެވޭނޭ. އެކަމަކު، އެ ކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށް ވެސް ނެތް. ދައްކަން ބޭނުން އެއްޗެއް ޓީވީތަކުން ވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަން ވެސް ލިޔަނީ،" އޭނާ ވިދާޅުވިއެވެ.

"...ވަރަށް ބޮޑަށް ޒާތީވެގެން ގޮސް، ވިޔާނުދާ ކޮންޓެންޓަށް އެއްޗެހި ޓީވީތަކުންނާއި އެއްޗެހި ދައްކާތަން ފެނޭ. އަނެއްކާ، މައިންބަފައިންނާއި ދަރިންނާ އެއްކޮށް ސިޓިންރޫމެއްގައި ތިބެގެން ނުބެލޭވަރުގެ އެއްޗެހި ވެސް އެބަދައްކާ. އެއްވެސް އަސްލެއް ހަގީގަތެއް ނެތް ކަންކަމުގައި ވެސް ބުނި ބުންޏަށް ގޮސް އެ ވާހަކަ އެބަދައްކާ،"

އޭނާ ވިދާޅުވީ، މެލޭޝިއާ ފަދަ ގައުމުތަކުގައި އޮންނަ ފަދަ މަލްޓި މީޑިއާ ކައުންސިލެއް އުފެއްދުމަކީ ރާއްޖެއަށް ވެސް ރަނގަޅު މޮޑެލްއެއް ކަމަށް ފެންނަ ކަމަށެވެ.

ނޫސްވެރިކަމުގެ އިތުރުން، އިންޓަނެޓް ވެސް ރެގިއުލޭޓްކުރަން ޖެހޭ ކަމަށް ނާޒިމް ގަބޫލުކުރައްވައެވެ.

ނާޒިމް، 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި: އޭނާ ވިދާޅުވީ، މީޑިއާތައް ސެލްފް ރެގިއުލޭޓްނުކުރާ ކަމަށް -- ފޮޓޯ/ މަޖިލީސް

ޓެލެގްރާމް ޗެނަލްތައް ހަަދައިގެން ތަފާތު ކުށްތަކަށް އަރައިގަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކަންކަން ހުއްޓުވޭނީ އިންޓަނެޓް ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ގާނޫނެއް ފަރުމާކޮށްގެން ކަމަށެވެ. ޑޮލަރު ވިއްކުމުގެ މުއާމަލާތްތައް ވެސް ވައިބާ ގްރޫޕުތަކުގައި ހިންގާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ކުށްކުރާ ވަސީލަތަކަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމްސް އެބަ ބަދަލުވޭ. ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުށްކުރި ކަންތައްތައް ވެސް އެބަހުރި. ދެން އަނެއްކާ، މިހާރު މި ހިނގާ ކަރަންސީ ސްކޭމްތައް ވެސް ގިނައިން މި ހިނގަނީ. ޑޮލަރުގެ ވިޔަފާރި ވެސް ގިނައިން މި ހިނގަނީ ވައިބާ ގްރޫޕުތަކުގައި. މިއީ އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް،" އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، މި ބިލުގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުން ކަމަށެވެ.

ބިލުގެ ފަރުމާކުރާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް ވެސް ބަލައިގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބިލު ހުށަހެޅުމަށް ފަހުގައި ނޫސްވެރިންނާއި މީޑިއާތަކާއި އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.

"އެއްވެސް އެއްޗެއް ނެތުމަށް ވުރެ ކޮންމެ ވެސް ކަހަލަ އެއްޗެއް އޮތުން ވެސް ރަނގަޅު. މިހާރު މި އޮތް މޮޑެލްއަކީ ވޯކްކުރާ މޮޑެލްއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/199047

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު'ގެ ނަމުގައި ބިލެއް ހުށަހެޅީ މިދިޔަ އަހަރެވެ. އެ ބިލު ހުށަހެޅުމާ އެކު ނޫސްވެރިން ވަނީ އެއީ 'މީޑިއާތައް ކޮންޓްރޯލްކުރާ' ބިލެއް ކަމަށް ބުނެ، އެ ބިލު ބޭރުކުރަން ގޮވާލައި ނުރުހުން ފާޅުކޮށްފައެވެ. ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ވަނީ ބިލު އަނބުރާ ގެންގޮސްފައެވެ.

ޓެލްގްރާމް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކުށްކުރާ މައްސަލަތައް ފެންމަތިވާއިރު، އެ ވަސީލަތްތައް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ހަރުދަނާ ގާނޫނެއް ނެތުމުން މީގެ ކުރިން ފުލުހުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

comment ކޮމެންޓް