އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފުވެގެން މީގެ ކުރިން އެ ޕާޓީން ފިޔަވަޅު އަޅާފައި ތިބި މީހުންނަށް ދީފައިވާ އަދަބުތައް މައާފްކޮށްދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.
އަސާސީ ގަވާއިދާ ޚިލާފުވެގެން މީގެ ކުރިން ފިޔަވަޅު އެޅި މީހުންގެ އަދަބުތައް މައާފުކޮށްދޭން ގައުމީ މަޖިލީހުން ނިންމާފައިވާކަން، އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އަނަސް ވިދާޅުވީ، މިހާރު އެގޮތަށް މައާފުދިނުމުން، ޕާޓީއަށް ވަންނަން ބޭނުންވާ ބޭފުޅުންނަށް ވެސް ޕާޓީއަށް ވެސް ވަދެވޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން މީގެ ކުރިން ފިޔަވަޅު އެޅި ބައެއް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކާއި، ކުރީގެ މެންބަރު އަލީ އާޒިމް ހިމެނެއެވެ.
މީގެ ކުރިން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކި ކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވެއެވެ.
މޫސަ އެމްޑީޕީން ވަކިކުރީ އެ ޕާޓީގެ ރައީސްކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށެވެ.
އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތުވުމަށް ޖާގަ ނޯންނަ ކަމަށް މޫސަ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި، އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި ގިނަ މެންބަރުން އެމްޑީޕީން ވަކިވާން ޖެހުނީ ވެސް އެހެންވެ ކަމަށް މޫސަ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލުން ޕާޓީއާ ގުޅޭ ތާރީޚުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެތެރޭގެ އިންތިޚާބެއްގައި ވާދަ ނުކުރެވޭ ގޮތަށް އާޒިމަށް ވެސް ވަނީ މީގެ ކުރިން ފިޔަވަޅު އަޅާފައެވެ.
އާޒިމް އެމްޑީޕީން ވަކިވެވަޑައިގަތީ، މިދިޔަ ސަރުކާރުގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި، ރައީސް ނަޝީދަށް ތާއީދުކުރެއްވި މަޖިލިސް މެންބަރުންތަކެއް އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި އިރުއެވެ. ނަމަވެސް އިއްޔެ އަލީ އާޒިމް ވެސް އަލުން ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެން މިހާރު ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
އާޒިމްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދާއި މުޙައްމަދު ޝިފާޒް (ޝިއްޕެ) ގެ އިތުރުން ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް ވެސް މި ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.