އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކާ މެދު އެ ޕާޓީން އެޅި ފިޔަވަޅަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެ ޕާޓީން ނިންމައިފިއެވެ.
މޫސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން އޭނާއަށް އަންގާފައިވާ އެންގުމެއް ހިއްސާކުރައްވާފައެވެ.
އޭގައިވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކި ކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އަދި، އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން މޫސައަށް އަންގާފައިވަނީ އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތް ތާރީޚުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް، އެ ޕާޓީގެ އެއްވެސް އިންތިޚާބެއްގައި އަދި ޕްރައިމަރީއެއްގައި ވެސް ބައިވެރިނުވެވޭނެ ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސް ކަމަށް އޭނާގެ ހުށަހެޅުއްވުން ގަބޫލު ނުކުރާކަން ވެސް ވަނީ އަންގާފައެވެ.
މޫސަގެ ޕޯސްޓުގައި އޭނާ ވަނީ، އޭނާއަށް އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ނުދީ، "މިހާވަރެއް" ކުރަންޖެހުނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
މޫސަ ވިދާޅުވީ، އޭނާ އެމްޑީޕީން ކަނޑައިލީ، އެ ޕާޓީގެ އޭރުގެ ރައީސް، މުޙައްމަދު ނަޝީދަށް ވެރިކަން ލިބުމުގައި އޭނާ ހުރަކަށްވާތީކަން ޔަގީންވާ ކަމަށެވެ. މިހާރު ވެސް އެމްޑީޕީގައި އެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސަ އެމްޑީޕީން ވަކިކުރީ އެ ޕާޓީގެ ރައީސްކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށެވެ.
އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތުވުމަށް ޖާގަ ނޯންނަ ކަމަށް މޫސަ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި، އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި ގިނަ މެންބަރުން އެމްޑީޕީން ވަކިވާން ޖެހުނީ ވެސް އެހެންވެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އެމްޑީޕީގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރަން ވޯޓު ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިންވިޕެއް ނެރެފައި ވަނިކޮށް އެއާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެއީ 2016 ވަނަ އަހަރެވެ.
ވަކިކުރީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން، މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރެއްވި މޫސަ އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އޭގެ ފަހުން ދުވަސްތަކެއް ވަންދެން އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު މޫސަ އަލުން އެމްޑީޕީއާ ގުޅިވައިޑައިގަތީ 2022ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައެވެ. އޭރު އެމްޑީޕީގައި އިސްކޮށް ތިއްބެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނާ ގާތް، ސަރުކާރާއި އެމްޑީޕީގެ އިސް މެމްބަރުންނެވެ.