ފެނަކަ ކޯޕަރޭޝަނުން، އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 7.9 މިލިއަން ރުފިޔާ 15 ދުވަސްތެރޭ ދައްކަން ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފިއެވެ.
އެލްއެފް ކޮންސްޓްރަކްޝަނަކީ، ފެނަކައަށް ގިނަ މަސައްކަތްތަކެއް ކޮށްދީ، އަދި ގިނަ އަދަދެއްގެ މުދާ ވިއްކާފައިވާ ކުންފުންޏެކެވެ.
ނަމަވެސް، މިހާތަނަށް އެ ކުންފުނިން ކޮށްދީފައިވާ މަސައްކަތުގެ އަގާއި، ވިއްކާފައިވާ މުދަލުގެ އަގުގެ ގޮތުގައި ލިބެންޖެހޭ 7.8 މިލިއަން ރުފިޔާ ލިބިފައިނުވާތީ އެ ކުންފުނިން ވަނީ ފެނަކައާ ދެކޮޅަށް ދައުވާކޮށްފައެވެ.
މި ދައުވާގައި އެ ކުންފުނިން ވަނީ އެ ފައިސާ ހޯދުމަށް މައްސަލަ ހުށަހަޅަން ޖެހުމުން، ގާނޫނީ ވަކީލެއް މެދުވެރިކޮށް ދައުވާ ފޯމާއި ދައުވާގެ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކުރަންޖެހުނު ޚަރަދަށްވާ 40،000 ރުފިޔާއާ އެކު ޖުމްލަ 7.9 މިލިއަން ރުފިޔާ ހޯދަން އެދިފައެވެ.
އެލްއެފް ކޮންސްޓްރަކްޝަނުން ފެނަކައަށް ކޮށްދީފައިވާ މަސައްކަތްތަކަކީ:
- ގއ. ދާންދޫ އާ އޮފީސް އިމާރާތްކުރުމާއި ވަށާފާރު ރޭނުން.
- ގއ. ކަނޑުހުޅުދޫ އާ އޮފީސް އިމާރާތްކުރުމާއި ވަށާފާރު ރޭނުން.
- ހދ. ފިނޭގައި އާ އިންޖީނުގެއެއް އިމާރާތްކުރުން.
- ހދ. ހިރިމަރަދޫ ޑޭ ޓޭންކް އޭރިއާ، މެއިން ޓޭންކް އަދި ޗިމްނީ އިމާރާތްކުރުން.
- ހދ. ވައިކަރަދޫ އާ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތްތައް ހެދުން.
- ލ. ހިތަދޫ އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް.
- މ. ދިއްގަރު އިންޖީނުގޭގެ ވަށާ ފާރު އަދި ޗިމްނީ ހެދުމުގެ މަސައްކަތް.
- ނ. ހޮޅުދޫ އާ އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް.
- ގއ. ކޮނޑޭ އާ އިންޖީނުގޭ އިމާރާތްކުރުމުގެ މަސައްކަތް.
- ރ. މީދޫ އިންޖީނުގޭގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް.
- ށ. މާއުނގޫދޫ އައު އިންޖީނުގެ އަދި އާ އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތް.
- ތ. އޮމަދޫ އިންޖީނުގޭ އިމާރާތްކުރުމުގެ މަސައްކަތް.
މިއީ 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ފެނަކައާއި އެލްއެފް ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކެވެ.
ސިވިލް ކޯޓުން ފެނަކައިގެ މައްޗަށް ހުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައެވެ. ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ފެނަކައަށް ޖަވާބުދާރީވުމަށް ދިން މުއްދަތުގައި ފެނަކައިން ޖަވާބުދާރީވެފައެއް ނުވެއެވެ. ދިފާއުގައި އެއްވެސް އެއްޗެއް ހުށަހަޅާފައި ވެސް ނުވާކަމަށް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުން ހުކުމްކުރީ ފެނަކައިން އެ ކުންފުންނަށް ދޭންޖެހޭ 7.8 މިލިއަން ރުފިޔާއާއި ޝަރީއަތުގެ ޚަރަދަށްވީ 40،000 ރުފިޔާއާ އެކު ޖުމްލަ 7.9 މިލިއަން ރުފިޔާ 15 ދުވަސްތެރޭ އެލްއެފް ކޮންސްޓްރަކްޝަން ދެއްކުމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައިއިރު ފެނަކައަކީ "ކޮރަޕްޝަންގެ ހާއްޔެއްގެ" ގޮތުގައި ސިފަކޮށްފައިވެއެވެ. މި ސަރުކާރު ހަވާލުވިއިރު އެ ކުންފުނީގައި ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތް ކަމަށް ބުނެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުނުއިރު ވެސް ކުންފުނީގެ މުވައްޒަފުންގެ އަދަދު އެތައް ހާހަކުން އިތުރުވެފައިވެއެވެ.
ފެނަކައިގެ ހާލަތު ގޯހުން ގޯހަށް މިސްރާބު ޖަހައިފައިވާފަދަ މޭރުމަކުން ވިދާޅުވެ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ވަނީ މި ފަހުން އިސްތިއުފާ ވެސް ދެއްވާފައެވެ. އެއާއެކު އެ މަގާމަށް ދެން އައްޔަނުކުރެއްވީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.
މި ސަރުކާރު އައި ފަހުން ވެސް ފެނަކައަށް އާ 1،392 މުވައްޒަފުން ނަގާފައިވެއެވެ. އެ މުއްދަތުގައި 400 މުވައްޒަފުން ވަކިވެސް ކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޚިޔާނާތުގެ ދައުވާކޮށްފައިވާއިރު، އެ ކުންފުނީގެ ކުރީގެ ވެރިން ހިމެނޭ ސީރިއަސް އިތުރު މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އިއްޔެ ބުނެފައެވެ.