ތާޒާ ކުންފުނީގެ އެމްޑީއަށް ވެސް ދަރަންޏެއް ސާބިތުވެއްޖެ، މަހަކު ދައްކަންޖެހެނީ 65 ޑޮލަރު

އެމްޑީ ޖިނާން: 2،700 ޑޮލަރު ބީއެމްއެލްއަށް ދައްކަން އަމުރެއް، މަހަކަށް 65 ޑޮލަރު --- ފޮޓޯ/ މެންދުރު

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ މޯލްޑިވްސް އައިލެންޑް ބެވެރެޖްސް (ތާޒާ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖިނާން ޖަލީލް 2,700 ޔޫއެސް ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ހުކުމުގައިވާ ގޮތުން، މި މައްސަލަ ބީއެމްއެލްއިން ކޯޓަށް ހުށަހެޅީ އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ޖިނާނަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ބީއެމްއެލްއާއި ޖިނާންއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން 6،298.25 ޑޮލަރު ޖިނާން ނުދައްކާ އޮތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ނަމަވެސް، ބޭންކާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދޭ ލުއިތަކުން އިންސްޓޯލްމަންޓުތަކަށް ބަހައިގެން 2،700 ޑޮލަރު ޖިނާން ދައްކަން ޖެހެއެވެ. އެ ފައިސާ ގަވައިދުން ދެއްކުމުން ބާކީ ފައިސާ މައާފުކޮށްދޭނެ ކަމަށް ވެސް ބުނެފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 55 މަސް ދުވަހުގެ ތެރޭގައި ޖިނާން ފައިސާ ދައްކާ ޚަލާސްކުރަން ޖެހެއެވެ. އެއީ، ހަތަރު އަހަރަށްވުރެ ދިގު މުއްދަތެކެވެ.

އެގޮތުން، މަހަކަށް ޖިނާން ދައްކަން ޖެހެނީ 65 ޑޮލަރުކަން ފާހަގަކޮށްލެވެއެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި، ޖިނާން ވެސް މި މައްސަލައިގައި އެދުނީ ފައިސާ ދައްކާ ޚަލާސް ކުރާ ގޮތަށް ހުކުމެއް ކަނޑައަޅައި ދިނުމަށެވެ.

އެހެންވެ، އެއްބަސްވުމުގެ ކަންތައްތަކަށް ރިއާޔަތްކުރުމަށް ސިވިލް ކޯޓުން އަމުރުކުރީ ޖިނާން ދައްކާ ޖެހޭ ޖުމުލަ އަދަދުގެ ތެރެއިން 2،700 ޑޮލަރާއި އެއަށް އިތުރުވާ އިންޓްރެސްޓާ ޖޫރިމަނާ ދައްކާ ޚަލާސްކުރުމަށެވެ.

https://www.sun.mv/202744

ފާހަގަކޮށްލެވޭ ގޮތުގައި ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ މައްޗަށް ވެސް ވަނީ ދަރަންޏެއް ސާބިތުވެފައެވެ.

އޭނާ ވެސް ކްރެޑިޓް ކާޑަށް ފައިސާ ނުދައްކާތީ، 4،500 ޑޮލަރުގެ ދަރަންޏެއް ވަނީ ސާބިތުވެފައެވެ.

comment ކޮމެންޓް