ފެނަކައިގެ ޑީއެމްޑީ ކްރެޑިޓް ކާޑަށް ފައިސާ ނުދައްކަވާތީ، 4،500 ޑޮލަރުގެ ދަރަންޏެއް ސާބިތުވެއްޖެ

މުހައްމަދު އަބްދުލް ކަރީމް (ރުކުމާ): އޭނާގެ މައްޗަށް ދަރަންޏެއް ސާބިތު، ދަރަނި ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ މައްޗަށް ދަރަންޏެއް ސާބިތުވެ، އެ ދަރަނި ދައްކައި ޚަލާސް ކުރުމަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު އޭނާގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭނާއަށް ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކޮށް، އެ ކާޑަށްވާ ފައިސާ ދައްކައިފައި ނުވާ މައްސަލައެކެވެ.

މިދިޔަ އަންގާރަ ދުވަހާ ހަމައަށް އޭނާ އެ ކާޑަށް ދައްކަންޖެހޭ ފައިސާ ވަނީ، 4542.72 ޑޮލަރަށް އަރައިފައެވެ. އެއީ، 70،185 ރުފިޔާއެވެ.

އެ މައްސަލަ ބީއެމްއެލްއިން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހަށަހެޅީ 2021ގައެވެ. އެއިރު ކުރި ދައުވާގައި ވަނީ، އެހާތަނަށް އޭނާ އެ ކާޑަށް ދައްކަންޖެހޭ 4,088.51 ޑޮލަރު އެކީ އެކައްޗަކަށް ހޯދުމަށް އެދިފައެވެ.

ނަމަވެސް، އެ ފަހަރު ރުކުމާ ވަނީ އެ ފައިސާ މަހުން މަހަށް ބަހައިގެން ދެއްކުމަށް ބޭންކާއެކު އެއްބަސްވުމެއް ހަދައިފައެވެ.

އެހެންކަމުން އެ އަހަރުގެ އޭޕްރިލް މަހުގެ 20ވަނަ ދުވަހު ސިވިލް ކޯޓުން ރުކުމާގެ މައްޗަށް ހުކުމް ކުރީ އެ އަހަރުގެ މާރިޗް 31ވަނަ ދުވަހުގެ ނިޔަލަށް އެ ކާޑަށް ދައްކަންޖެހޭ 4,088.51 ޑޮލަރު، ހުކުމް ކުރާ ދުވަހުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ދައްކަމުން ގޮސް ޚަލާސްކުރުމަށެވެ.

ނަމަވެސް، ހުކުމާ އެއްގޮތަށް އެނާ އެ ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ބީއެމްއެލްއިން ވަނީ އެ ފައިސާ އެކީ އެކައްޗަކަށް އޭނާގެ އަތުން ހޯދުމަށް އެދި އަނެއްކާ ވެސް ދައުވާ ކޮށްފައެވެ.

އެ މައްސަލައިގައި މިިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ރުކުމާ ވަނީ ބޭންކާއެކު އިތުރު އެއްބަސްވުމެއް ހަދައިފައެވެ. މި އެއްބަސްވުމުގައި ވަނީ، އޭނާ ބޭންކަށް ދައްކަންޖެހޭ 4،088.51 ޑޮލަރުގެ ތެރެއިން، ކޮންމެ މަހަކު 110 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ބޭންކަށް ދައްކައި ޚަލާސްކުރާނެ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މި އެއްބަސްވުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާނަމަ، ބިއެމްއެލްއިން އެދުނު ގޮތަށް ހުކުމް ތަންފީޒު ކުރުމަށް ހުށަހެޅޭނެކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރުކުމާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ރުކުމާވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އެއަށްފަހު، ޖެހިގެން އައި މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީގައި ބައިވެރިވެވަޑައިގަތް ނަމަވެސް ނާކާމިޔާބުވިއެވެ.

އެއަށްފަހު އޭނާ އެމްޑީޕީން ވަކިވެވަޑައިގަތީއެވެ. އަދި 2021ގައި، އެއިރު އިދިކޮޅުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގަތެވެ.

އޭނާ ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24ގައެވެ.

comment ކޮމެންޓް