11 އަހަރަށް ކޮންމެ މަހަކު 83،000 ރުފިޔާ ދައްކަން މުހައްމާގެ މައްޗަށް ހުކުމެއް

ބްރޯޑްކޮމްގެ މެމްބަރު މުހައްމަދު އަބްދުﷲ ( މުހައްމާ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން ކުރިއަށް އޮތް 11 އަހަރަށް، 2036ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް، ކޮންމެ މަހަކު 83،000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު، މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް މިއަދު ކޮށްފިއެވެ.

މި މައްސަލައަކީ މުހައްމާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް، ހުކުމާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ބީއެމްއެލުން ހުށަހެޅި މައްސަލައެކެވެ.

ބޭންކުން އެދިފައިވަނީ މި އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، މުހައްމާ ނެގި ދަރަނީގެ އައުޓްސްޓޭންޑިންގައިވާ 5،023،106.21 ރުފިޔާއާއި، އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާއާއެކު ދެއްކުމަށެވެ. އެ ގޮތުން 2036ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް، ކޮންމެ މަހަކު ވެސް 83،000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދައްކައި ޚަލާސްކުރުމަށް ފުރުސަތުދީ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އަލުން ހުށަހެޅޭ ގޮތަށް މައްސަލަ ނިންމައިދިނުމަށް ބޭންކުންވަނީ ކޯޓުގައި އެދިފައެވެ.

އެ ގޮތުން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ބީއެމްއެލުން އެދުނު ގޮތަށް، ދަރަނީގެ ފައިސާ ދެއްކުމަށާއި، ފައިސާ ނުދައްކާނަމަ، ދަރަނީގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ބޭންކަށް ލިބިދޭ ގޮތަށެވެ.

މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރާނަމަ، ހުކުމްކުރި ތާރީޚުން ފެށިގެން މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެއެވެ.

comment ކޮމެންޓް