ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޚިޔާނާތުގެ ދައުވާކޮށްފައިވާއިރު، އެ ކުންފުނީގެ ކުރީގެ ވެރިން ހިމެނޭ ސީރިއަސް އިތުރު މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެން ސައީދާއި އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދެ މީހުންނަށް ދައުވާ ކުރަން ފޮނުވީ 2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރަނީ ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށާވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ އަމަލުގެ ސަބަބުން ގާތްގަނޑަކަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ފެނަކައަށް ލިބިފައިވާ ކަމަށް އޭސީސީން ފާހަގަކުރިއެވެ.
އެހެންވެ، ފެނަކައަށް ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެންގުމަށް ވެސް ކޮމިޝަނުން ނިންމައިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
"އަދި މި މައްސަލައިގެ އިތުރުން ވެސް ފެނަކައިގެން ކުރީގެ ވެރިން ހިމެނޭ ސީރިއަސް ގިނަ މައްސަލަތަކެއްގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ކެނެރަލް އޮފީހާއެކު މި ކޮމިޝަނުން މަޝްވަރާ ކުރަމުންގެންދާކަން މައުލޫމާތައްޓަކައި ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަސް ތެރޭގައި ވަނީ އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. މި ސަރުކާރުން ފެނަކައަށް ފުރަތަމަ އައްޔަންކުރި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަންގެ 25 މައްސަލައެއް އޭސީސީއަށް ހުށަހެޅި ކަމަށް ވިދާޅުވެފައެވެ.
ޖުމުލަ 1.7 ބިލިއަން ރުފިޔާއަށްވުރެ ބޮޑަށް ދަރާފައި އޮތް ފެނަކައަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން ގޮވާލައި، މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.
ޖުމުލަ 1.7 ބިލިއަން ރުފިޔާއަށްވުރެ ބޮޑަށް ދަރާފައި އޮތް ފެނަކައަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން ގޮވާލައި، މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.
މި ސަރުކާރު އައި ފަހުން ވެސް ފެނަކައަށް އާ 1،392 މުވައްޒަފުން ނަގާފައިވެއެވެ. އެ މުއްދަތުގައި 400 މުވައްޒަފުން ވަކިވެސް ކޮށްފައިވެއެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުއާޒް އިސްތިއުފާ ދެއްވީވެސް އެ ކަންކަން ފާހަގަކުރެއްވުމަށް ފަހެވެ.
އެހެންވެ، ސަރުކާރުން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފައެވެ.