ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓެއް، އެމްއެންޑީއެފުން ޑްރޯންގެ އެހީގައި މިއަދު ހޯދައިފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާ ޚިލާފަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އެއާ ކޯ ޑްރޯންގެ އެހީގައި ހޯދައިފައިވާ ކަމަށެވެ.
އެ ބޯޓު ހޯދުމަށް ފަހު، އެ އުޅަނދު މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ވަނީ، ޑްރޯންގެ އެހީގައި އެ ބޯޓު އޮތް ހިސާބެއް ހޯދިއިރު ފެނުނު މަންޒަރުތަކުގެ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ.
އެއީ ކޮން ގައުމަކަށް ނިސްބަތްވާ މަސް ބޯޓެއް ކަމެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.
މީގެ ކުރިން ކަނޑުމައްޗަށް ގެއްލުނު ދޯންޏެއް ވެސް އެމްއެންޑީއެފުން ޑްރޯންގެ އެހީގައި ހޯދައިފައިވެއެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު މ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދޯންޏެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފައިވާ ކަމަށް އޭރު ސިފައިން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ޑްރޯންތައް އިފްތިތާހުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 15ގައެވެ.
އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯންތައް 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންތަކުގައި ހުރެއެވެ.