މަސައްކަތް ކުރުމާއި ވާހަކަ ދެއްކުމާއި ފޯނާ ކުޅުން މަނާ ވަގުތެއް

އިސްލާމީ މަރުކަޒުގައި ހުކުރު ކުރަނީ -- ފޮޓޯ / ޕީއެސްއެމްނިއުސް.އެމްވީ

ހުކުރު ދުވަހަކީ މުސްލިމުންނަށް އުފާވެރި ކަމާއި ހިތް ހަމަ ޖެހުން ގެނެސްދޭ ޢީދެއް ކަމުގައި ﷲ ލެއްވިއެވެ. ހުކުރު ނަމާދަށް ދިއުމަށް ޓަކައި ފެންވަރައި ޒީނަތްތެރި ވުމާއި، މީރުވަސް ދުވާ ހުވަނދެއް ބޭނުން ކުރުމާއި އަދި ދަތް އުނގުޅުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައި ވެއެވެ (އިބުނު މާޖާ، 1098). އަދި މީހަކު ފުރިހަމައަށް ވުޟޫ ކޮށްގެން ހުކުރު ނަމާދަށް ގޮސް، ހަނު ހިމޭނުން އިނދެ ޚުޠުބާ އަށް ސަމާލުކަން ދީގެން އަޑު އަހައިފިނަމަ ދެ ހުކުރުގެ ދެމެދުގައި ކުރެވޭ (ކުދި) ފާފަތައް ފުއްސަވާނެ ކަމަށް އަންގަވާފައި ވެއެވެ (މުސްލިމު، 853).

ހުކުރު ދުވަހާއި ހުކުރު ނަމާދުގެ މުހިއްމުކަން ކިތަންމެ ބޮޑު ނަމަވެސް ބައެއް މީހުން - ޚާއްސަކޮށް ޒުވާނުން - ގެ ޢަމަލުތަކަށް ބަލައިލުމުން ފެންނަނީ ހިތާމަ ވެރި މަންޒަރެކެވެ. ހުކުރު ނަމާދަކީ މާ ބޮޑު މުހިއްމު ކަމެއް ނެތް، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ދެކޭ ބަޔަކު އެބަ އުޅެއެވެ. އެމީހަކު ބޭނުމިއްޔާ ހުކުރަށް ގޮސްފައި އަދި ބޭނުން ނޫނިއްޔާ ނުދިއަޔަސް އެއީ މައްސަލައެއް ނޫން ކަމަށް އެ ބައިމީހުން ދެކޭ ކަހަލަ އެވެ.

ހުކުރު ނަމާދަކީ ވާޖިބެއް ކަމަށް ގަބޫލުކޮށް އެ މަތިވެރި އަޅުކަމާ މެދު ގަޔާވެގެން ﷲ ގެ ޙަޟުރަތަށް ދާ ހިތުން، ޝައުގުވެރި ކަމާ އެކު މިސްކިތަށް ދަނީ ކިތައް މީހުން ހެއްޔެވެ؟ އަވަހަށް މިސްކިތަށް ގޮސް ކުރީ ސަފުތަކުން ޖާގަ ހޯދައިގެން ގިނަ ސަވާބު ލިބޭތޯ މަސައްކަތް ކުރާ ޒުވާނުން މަދީ ކީއްވެގެން ހެއްޔެވެ؟ މިސްކިތަށް އަވަހަށް ގޮސް ކުރީ ސަފުތަކުގައި ތިބެން ޖެހޭނީ އަރުޒަލިލްއުމުރަށް ގޮސްފައިވާ މީހުން އެކަނި ކަމަށް ޒުވާނުން ދެކޭ ނަމަ އެއީ ގޯހެކެވެ.

ހުކުރު ނަމާދަށް އަވަހަށް ދިއުމުން ނުހަނު ގިނަ ސަވާބު ލިބޭނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ (ބުޚާރީ: 881). އަދި ނަމާދުގެ ޖަމާޢަތަށް ހެދޭ ފުރަތަމަ ސަފުގެ މާތްކަން މީސްތަކުންނަށް އިނގޭ ނަމަ އެ ސަފުން (ނުވަތަ ކުރީ ސަފުތަކުން) ޖާގަ ހޯދުމަށް ގުރުއަތު ލައި، ވާދަ ޖަހައި ހެދީސް ކަމަށް އަންގަވާފައި ވެއެވެ (ބުޚާރީ: 2689).

ހުކުރު ނަމާދުގެ ޚުޠުބާ އަޑު އެހޭނެ ފުރުސަތު އޮއްވައި އަވަހަށް މިސްކިތަށް ދާން ޖެހެއެވެ. ހުކުރަށް ދާ މީހުންގެ ނަންތައް، އެމީހުން މިސްކިތަށް އަންނަ ތަރުތީބުން މަލާއިކަތުން ލިޔުއްވަމުން ގެންދަވައެވެ. އަދި އިމާމު މީހާ މިންބަރުގައި އިށީނުމުން ފަތްފުށްތައް ލައްޕައިލައްވައި ޚުޠުބާ އަޑު އެއްސެވުމަށް މަލާއިކަތުން މަޝްޣޫލު ވާނެއެވެ (އަޙްމަދު، 7687). ކަން މިހެން އޮތަސް ޚުޠުބާ ނިމޭން ކައިރިވުމުން - ވަލަޒިކުރުﷲ އަކުބަރަށް - މިސްކިތަށް ދާ ޒުވާނުން ހާދަހާ ގިނައެވެ.

ހުކުރަށް ގޮސް ތިބޭ ވަރަށް ގިނަ ޒުވާނުންނާއި ހަރު މީހުންގެ ފަރާތުން ވެސް ފެންނަ ގޯސް އަނެއް ކަމަކީ ޚުޠުބާ އަށް އެއްވެސް ސަމާލު ކަމެއް ނުދީ ވާހަކަ ދައްކަން ތިބުމާއި ފޯނާ ކުޅުމެވެ. ބޮޑެތި މީހުން ތުއްތު ކުދީންނަށް ވެސް މި ނުބައި ނަމޫނާ އެބަ ދައްކައެވެ. އަދި ކުޑަ ކުދީން ގޮވައިގެން މިސްކިތަށް ދާ ބެލެނިވެރީން، ކުރާނެ ކަމެއް ކުރަން އެ ކުދީންގެ އަތަށް ފޯނު ދީގެން ތިބުމަކީ ވެސް އިސްލާހު ކޮށްލަން ޖެހޭ ކަމެކެވެ.

ޚުޠުބާ ކިޔަމުން ދާ އިރު އެއަށް ސަމާލުކަން ދީ ކަނުލާ އަޑު އެހުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެ ވަގުތުގައި ވާހަކަ ދައްކާ މީހަކަށް އެކަން މަނާ ކުރުމުގެ ގޮތުން، "ހަނު ހުންނާށޭ" ބުނުމަކީ ވެސް އެކަށީގެން ނުވާ ޢަމަލެއް ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ (މުސްލިމް: 851). ޚުޠުބާ ކިޔަމުން ދާ ވަގުތުގައި ވާހަކަ ދެއްކުމާއި ފޯނާ ކުޅުން ފަދަ ކަންކަން ކުރުމަކީ މަނާ ކަމެއްކަން މި ބަސްފުޅުން އެނގެއެވެ.

ޝަރުޢީ އުޒުރެއްގައި ވާ މީހާ ފިޔަވައި އެހެން މީހުން ހުކުރު ނަމާދުގެ ވަގުތުގައި، ދިރިއުޅުމުގެ މަސައްކަތްތައް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލުމުން، ވިޔަފާރިއާއި އެހެނިހެން މަސައްކަތްތައް ހުއްޓައިލައި ﷲ ހަނދުމަ ކުރުމަށް އަވަސްވެ ގަތުމަށް އަންގަވާފައި ވެއެވެ (އަލްޖުމްޢަ: 9). ވުމާއެކު ހުކުރު ދުވަހުގެ މެންދުރު ގޮވާ ދެވަނަ ބަންގިއަށް ފަހު ހުކުރު ނަމާދު ނިމެންދެން، ހުކުރު ވާޖިބުވާ މީހުން ދިރިއުޅުމުގެ މަސައްކަތްތައް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެއެވެ (އަލްކާސާނީ، 2003، އަލްމަވާޤް، 1993).

މީހުން ހުކުރުން ފައިބާ ގަޑީގައި، ސޯޓުބުރި ލައިގެން ހިނގާ އަދި ދުއްވާ ޒުވާނުންތައް ފެނުމުން އުޒުރުވެރިން އޭގެ ތެރޭގައި ތިބެދާނެ ކަމަށް ބެލެވުނަސް، އެ އެންމެންނަކީ ވެސް ހަމަ އެ ފަދަ މީހުންތޯ ސުވާލު ކުރެވިދާނެއެވެ. އަދި ހަމަ އެ ވަގުތުގައި ވެހިކަލު މަރާމާތު ކުރަން ނުވަތަ ދޮވެ ސާފު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ފެނުނީމައި، ހުކުރަށް ނުދާ ތާނގައި އެ ވަގުތު މީހުންނަށް ފެންނަހެން މަސައްކަތައިގެން އުޅެން އެ މީހުން ލަދު ވެސް ނުގަންނަނީ ބާއޭ ހިތަށް އަރާނެއެވެ.

ގިނަ ޒުވާނުން އެއްވެސް ސަމާލު ކަމެއް ނުދީ ދޫކޮށްލާ ވަރަށް މުހިއްމު އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ މިސްކިތަށް އަރާ މީހާ ކުރުން މުސްތަޙައްބު ވެގެންވާ ތަޙިއްޔަތުލްމަސްޖިދުގެ ސުންނަތް ދެ ރަކުޢަތާއި، ހުކުރު ނަމާދުގެ ފަހުގައި ކުރުން ސުންނަތް ވެގެންވާ ހަތަރު ރަކުޢަތް ނުކުރުމެވެ. މިއީ ވަރަށް ފަސޭހަ ކަމާ އެކު ހޯދެން އޮންނަ ސަވާބުތަކެއް ދޫކޮށްލުމެވެ.

އެހެންވީމާ، މަގުބޫލު އުޒުރެއް އޮވެގެން މެނުވީ ހުކުރު ނަމާދަށް ނުގޮސް ތިބެގެން ނުވާނެއެވެ. ފެންވަރައި ޒީނަތްތެރިވެ ފުރިހަމައަށް ވުޟޫ ކޮށްގެން އަވަހަށް ހުކުރަށް ގޮސް ކުރީ ސަފުތަކުން ޖާގަ ހޯދަން މަސައްކަތް ކުރަން ވާނެއެވެ. ވާހަކަ ދެއްކުމާއި ފޯނާ ކުޅުން ފަދަ ދުނިޔެވީ ކަންތައްތަކާ ދުރުހެލިވެ ޚުޠުބާއަށް ސަމާލުކަން ދީގެން ކަނުލާ އަޑު އަހަން ވާނެއެވެ. ހުކުރު ދުވަހު މެންދުރު ގޮވާ ދެވަނަ ބަންގިއަށް ފަހު ހުކުރު ނަމާދު ނިމެންދެން، ހުކުރު ވާޖިބުވާ މީހުން، ދިރި އުޅުމުގެ މަސައްކަތްތައް ކުރުން މަނާ ކުރައްވާފައި ވާ ކަން ދަންނާން ޖެހޭނެއެވެ. ހަމަ މިއާއެކު، މިސްކިތަށް އަރައި އިށީނުމުގެ ކުރީން ކުރަން ޖެހޭ ސުންނަތް ދެ ރަކުޢަތް ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. އަދި ހުކުރު ނަމާދުގެ ފަހުގައި އޮންނަ ސުންނަތް ހަތަރު ރަކުޢަތް ކޮށްލުމަކީ ބުރަ ކަމަކަށް ހަދައިގެން ނުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް