މީހުންގެ މޫނުމަތިން ފެންނަމުންދިޔެއީ ހިނިތުންވުމާއި އުފާވެރިކަމެވެ. ޒުވާނުންނާއި ހަރު އުމުރުގެ މީހުންނާއި ކުޑަކުދީންވެސް ވަރަށް ގަޔާވެގެން އުޅޭތަން ފެނެއެވެ. އައު އަހަރު ފާހަގަކުރާ ހަފުލާގެ ޚާއްސަ ރަމްޒެއްގެ ގޮތުގައި، ވަރަށް ގިނަ މީހުންގެ ބޮލުގައި "ތަފާތު ބޭންޑެއް" އަޅާފައިވާތީ ފެނެއެވެ. ތުއްތު ދަރިފުޅު އުރާލައިގެން ތިބި މަންމައާއި ބައްޕަ، ފަރިފުޅުގެ ބޮލުގައި އޮތް ބޭންޑު ވެއްޓެން ފެށުމުން އަވަހަށް ނަގައި ރަނގަޅުކޮށްލައިދެއެވެ. މިއީ 2025 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި އަލަށް ބޭނުންކުރި އެއްޗަކަށްނުވިޔަސް، މި ބޭންޑަކީ ދާދިފަހުން އަހުރެމެންގެ ތެރެއަށް ތައާރަފުވެގެން އުޅޭ އެއްޗެކެވެ.
ވަރަށް ކުޑަކަމެއްކަމެއްކަމުގައި ހީވިނަމަވެސް، އިސްލާމީ ނަޒަރުން ބަލާއިރު މިއީ އަޅައިނުލައި ދޫކޮށްލެވޭނެކަމެއްނޫނެވެ. އާއްމުގޮތެއްގައި، ޝައިތާނާގެ ދަޅު ރަމްޒުކޮށްދޭ ބޭންޑު (ޑެވިލްހޯން ބޭންޑް) އަކީ ޣައިރުމުސްލިމުންގެ ސަގާފީ ހަފުލާތަކާއި އެމީހުންގެ ދީނީ ޢަގީދާއާއި ގުޅިފައިވާ އެއްޗެކެވެ (ހެވީ ކްރޮނިކަލް، 2024 ، ޓޮމް މެޓްކާފް، 2022). އަދި އިސްލާމްދީނުގެ އަޚުލާގީ އަގުތަކާއި މުސްލިމުންގެ ސަގާފަތާއި އާދަކާދައާ ފުށުއަރާ އެތައްކަމެއް ހިމެނޭ "ހެވީ މެޓަލް" މިއުޒިކްގެ ޚާއްސަ ރަމްޒެއްގެ ގޮތުގައިވެސް ޝައިތާނާގެ ދަޅުގެ ރަމްޒު ބޭނުންކުރެއެވެ (ނޮވަކޯސްކީ، 2020).
އިސްލާމީ ނަޒަރުން ބަލާއިރު ޝައިތާނާއަކީ އުރެދުންތެރި ފަސާދަ އުފައްދާ ނުބައި ފަރާތެކެވެ (އަލްބަޤަރާ: 34، އަލްއަޢުރާފު: 11، އަލްޙިޖުރު: 31، އަލްކަހުފު: 50). އަދި އެއީ ކަނޑައެޅި ބަޔާންވެގެންވާ، މުސްލިމުންގެ އަދާވާތްތެރިއެކެވެ (އަލްއަޢުރާފު: 16-17). ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ (ފާޠިރު: 6). "ހަމަކަށަވަރުން، ޝައިތާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިތާނާއީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ." އެހެންކަމުން، މިފަދަ ފަރާތެއް ރަމްޒުކޮށްދޭ ނިޝާންތައް މުސްލިމުން ބޭނުންކުރުމަކީ ކޮށްގެންވާނެކަމެއްނޫނެވެ.
އިސްލާމްދީން އަންގަވަނީ ތަޤުވާވެރިކަމާއި ޢަގީދާއާއި އަޚުލާގީ އުސޫލުތަކާ ފުށުއަރާ ރަމްޒުތަކާއި ޢަމަލުތަކާ ދުރުހެލިވުމަށެވެ. އެފަދަ ޢަމަލެއް ނުވަތަ ހަރަކާތެއްގައި ބައިވެރިނުވުމަށެވެ. ޅައިރުއްސުރެ ދަރީންގެ ކިބައިގައި އަޚުލާގީ ރީތި ސިފަތައް އަށަގަންނުވައި އެފަދަ ހޭލުންތެރިކަން އިތުރުކުރުމަށެވެ (އަލްޣަނީމް، ޚާލިދު، މުޞްޠަފާ، ޤުތައިބާ، 2023). ކުޑަކުދީންގެ ޢަގީދާއާއި އަޚުލާގު ބައްޓަންކުރުމުގައި މައިންބަފައިންނާއި ބެލެނިވެރީން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ތުއްތުކުދީންނަކީ ނަމޫނާ ފެނިގެން އަވަހަށް ކަންކަން ދަސްކުރާ ބައެކެވެ. ތަރުބިޔަތާބެހޭ ދިރާސާއަކުން ދައްކާގޮތުގައި؛ އުމުރުން 0-7 އަހަރާ ދެމެދުގެ މުއްދަތަކީ ދަރިފުޅުގެ ކިބައިގައި އަޚުލާގީ ސިފަތައް ހަރުލެއްވުމުގެ އެންމެ މުހިއްމު މަރުހަލާއެވެ. މި ކްރިޓިކަލް މަރުހަލާގައި، ނޭދެވޭ ސިފަތަކުގެތެރެއަށް ލެނބިދާފަދަ ރަމްޒުތަކާއި ސުލޫކަށް ހިތްވަރު ލިބޭ ކަންތައްތަކާ ދަރީން ދުރުހެލިކުރުމަކީ މައިންބަފައިންނާއި ބެލެނިވެރީންގެ ޒިންމާއެކެވެ (ގްމިއަންޑަރީ، ސެލަމެތު، ނާފިއާ، 2021). ނަފުސާނީ ނަޒަރުން ބަލާއިރު، ނުބައިކަން ނުވަތަ ނެގެޓިވް ވިސްނުން ގެނުވާފަދަ ރަމްޒުތަކަށް ކުޑަކުދީން ހުށައެޅުމުގެ ސަބަބުން އެކުދީންގެ އަޚުލާށް ނޭދެވޭ އަސަރުކުރެއެވެ (ސާލިހާ، ޒަކިއްޔާ، ޝޯފިއާ، 2021). ޝައިތާނާގެ ދަޅު ރަމްޒުކޮށްދޭ ބޭންޑާއި އެފަދަ އެހެނިހެން ތަކެތި ބޭނުންކުމަކީ، ނޭނގިނަމަވެސް ޝައިތާނާގެ ސިފަތައް ރީތިވެ އެއީ ބަލައިގަނެވޭ ކަންތައްތަކެއްކަމުގައި އާއްމުކޮށް ގަބޫލުކުރެވޭނެ ސަބަބެކެވެ. މިއީ ހެޔޮލަފާ ޞާލިޙު އިންސާނަކު ތަރުބިޔަތުކުރުމަށްޓަކައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަންހަޖާ ފުށުއަރާނެކަމެކެވެ.
ޣައިރުމުސްލިމުންގެ ފަރާތުން އަންނަ ކޮންމެ ކަމަކީ މުސްލިމުންނަށް މަނާކަމެއްނޫނެވެ. ނަމަވެސް އެކަމެއްގައި އިސްލާމްދީނާ ފުށުއެރުމެއްވާނަމަ ނުވަތަ އެކަމެއް ކުރުމުގެ ސަބަބުން މުސްލިމުންގެ ޢަގީދާއާއި އަޚުލާގަށް އެކަށީގެންނުވާ އަސަރުތަކެއްކޮށްފާނެކަމުގެ އިޙުތިމާލު (ޕޮސިބިލިޓީ) އޮތްނަމަ އެކަމެއް ކޮށްގެންނުވާނެއެވެ. އެފަދަ ހާލަތުގައި، ޣައިރު މުސްލިމުންގެ ފަރާތުން ނަކަލުކުރެވޭ އެ ޢަމަލަކީ މުސްލިމުންނަށް ހުއްދަވާނެ ޢަމަލެއްނޫނެވެ.
އިންސާނުންގެ ލޮލަށް ނުފެނުނުކަމުގައިވިޔަސް، އަންޒަމާނުއްސުރެ ޝައިތާނާގެ ސިފަތައް ކަމުގައި ބަލައިގެންފައިވާ ނަގުލާއި ދަޅަކީ އެއްވެސް އިރެއްގައި ރަނގަޅު އެއްޗެއްގެ ގޮތުގައި އަހުރެމެން ބަލައިގަންނަ ތަކެއްޗެއްނޫނެވެ. މިކަން އިނގޭ އެންމެ ބޮޑު ހެއްކަކީ މީހެއްގެ ނުބައިކަން ސިފަކޮށްދިނުމަށްޓަކައި ދިވެހީންގެ ތެރޭގައި ބޭނުންކުރާ ޖުމުލައެއްކަމުގައިވާ "އޭނާގެ މަދީ ނަގުލަކާއި ދަޅެއް" ކަމުގައި ބުނެވޭ މިސާލު ބަހެވެ.
ވުމާއެކު، މުސްލިމުންގެ މަތިވެރިވެގެންވާ އީދުތަކާއި އެހެނިހެންވެސް ދުވަސްތައް ފާހަގަކުރާއިރު ޝައިތާނާގެ ދަޅު ޖެހި ބޭންޑުފަދަ އެއްޗެތި ބޭނުންނުކުރަމާ ހިނގާށެވެ. އަދި އަހުރެމެންގެ ލޯބިވާ ދަރީންގެ ބޮލުގައި އެފަދަ ބޭންޑުތައް ނާޅުވަމާ ހިނގާށެވެ. ފޮޓޯ ނަގާއިރު ދެއަތުން ޝައިތާނާގެ ދަޅު ރަމްޒުކޮށްދޭ ހަރަކާތް ނުގެންނަމާ ހިނގާށެވެ. ތަރައްގީއާއި ތަހުޒީބަކީ އަހުރެމެން މުސްލިމުންގެ ގޮތާއި ފޮތް އެއްލައިލައި އެހެންބައެއްގެ ގޮތާއި ފޮތް ބަލައިގަނެ އެމީހުންނަށް އަޅުދާސްތުވުންނޫންކަން ހަނދާންކުރަމާ ހިނގާށެވެ.