ޞަދަޤާތް ކުރުމަކުން މުދާ އުންޏެއް ނުވާނެ، ނަމަވެސް ކުރެވޭ ކަމަކުން ޞަދަޤާތް ބާތިލުވެދާނެ!

ޞަދަޤާތް ކުރުމަކީ މުދަލުން އުނިވާ ކަމެއްނޫން، ނަމަވެސް ކުރެވޭ ކަމެއްގެ ސަބަބުން ޞަދަޤާތް ބާތިލު ވެދާނެ ކަމަށް އަންގަވާފައިވޭ -- ފޮޓޯ / ސެމާ-އެސްވައި.އޯގް

ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި އިންސާނާއަކީ އުފެދުމުގައި ވެސް މުދަލަށް ލޯބި ކުރުމު ސިފަ ލިބިގެންވާ މަޚުލޫޤެކެވެ (އަލްފަޖުރު: 20، އަލްޢާދިޔާތި: 8). މީހަކަށް އެއްޗެއް ދިއްކޮށްލަން ހިތަށް އަރާ ވަގުތުގައި، އެ ދީފި ނަމަ ތިމާގެ އަތުގައި ހުރި މުދާ ނުވަތަ ފައިސާކޮޅު މަދު ވެދާނެ ކަމުގެ ވަސްވާހެއް އަންނަ ގޮތް ވަނީ މި ކަމުގެ ސަބަބުންނެވެ. ތަބީއީ ގޮތުން އަންނަ ކަމެއް ނަމަވެސް، އެއީ އަސްލެއް ނެތް ކުށް ހީ އެއްކަން އެނގެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅުންނެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. مَا نَقَصَتْ صَدَقَةٌ مِنْ مَالٍ (މުސްލިމު: 2588). "ޞަދަޤާތް ކުރުމުން މުދަލުން އެއްވެސް އެއްޗެއް އުނި ނުވާނެތެވެ."

ޞަދަޤާތަކީ ﷲ އަށް ކުއްތަން ވުން އަދައިގެން މީހަކު އޭނާގެ މުދަލުން ނެރެފި ކޮންމެ އެއްޗެކެވެ (އަލްއަޞްފަހާނީ، 2009). ޞަދަޤާތުގެ ތެރޭގައި މުދަލާއި މަންފާ ވެސް ހިމެނެއެވެ. ޞަދަޤާތެއްގެ ނިޔަތުގައި މީހަކަށް ފައިސާ ނުވަތަ އަންނައުނެއް ދިނުމަކީ މުދަލެއް ހޭދަކުރުމެވެ. ހިނގާފައި ތަނަކަށް ދާ މީހަކު ފެނިގެން ތިމާގެ ސައިކަލު ނުވަތަ ކާރަށް އަރުވައިގެން އެމީހާ އެ ދާ ތާކަށް ގެންގޮސް ދިނުމަކީ މަންފާ އަކުން ޞަދަޤާތް ކުރުމެވެ. މުސްލިމަކު އިންދި ގަހެއްގައި އަޅާ މޭވާ އިންސާނަކު ނުވަތަ ޖަނަވާރަކު ނުވަތަ ދޫންޏެއް ވިޔަސް ކައިފި ނަމަ އެއީ އެ ގަސް އިންދި މީހާގެ ފަރާތުން ކުރެވުނު ޞަދަޤާތަކަށް ވެއެވެ (ބުޚާރީ: 2320). މީހަކު ކުރާ ހޭދައެއް އެއީ ޞަދަޤާތަކަށް ވުމަށް ޓަކައި ބޭނުން ވަނީ އެއީ ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން އިޚުލާސްތެރި ކަމާއެކު ކުރެވޭ ކަމަކަށް ވުމެވެ (އަލްބައްޔިނާ: 5، މުސްލިމު: 1907).

ޞަދަޤާތުގެ ގޮތުގައި އެއްޗެއް ހޭދަ ކުރުމުން، ބޭރު ފުށުން ފެންނަ މަދުވުން އެއީ ހަގީގީ މަދުވުމެއް ނޫން ކަމަށާއި، އެކަމާ އެއްގޮތަކަށް ވެސް ޖެހިލުން ވެ ބިރު ނުގަތުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ. "ޞަދަޤާތް ކުރުމުން މުދަލުން އެއްވެސް އެއްޗެއް އުނި ނުވާނެ" ކަމަށް ޙަދީޘް ކުރެއްވީ މި ޔަގީންކަން މީސްތަކުންނަށް ދެއްވުމަށް ޓަކައެވެ.

ޞަދަޤާތުގެ ގޮތުގައި މުދަލެއް ނުވަތަ ފައިސާއެއް ހޭދަ ކުރުމުން އޭނާގެ އަތުގައި ހުރި މުދަލާއި ފައިސާއިން މަދު ނުވަނީ، އެ ހޭދަ ކުރި އެއްޗެއްގެ ބަދަލު ﷲ ތަޢާލާ އެ އަޅަކަށް ދެއްވާތީއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ ‎(އައްސަބައި: 39). "އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒުޤު ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ."

ﷲ ގެ މަގުގައި ޞަދަޤާތަށް މީހަކު ހޭދަ ކުރަނީ ވަރަށް ކުޑަ މިންވަރެއް ކަމުގައި ވެދާނެއެވެ. އެހެން ކަމަށް ވިޔަސް ﷲ ތަޢާލާ އޭގެ ބަދަލު ދެއްވަނީ އެއަށް ވުރެ މާ ތަނަވަސްކޮށް ކަމުގައި އަންގަވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ (އަލްބަޤަރާ: 261). "اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ސަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ޒަކާތެކޭ އެއްފަދައިން ޞަދަޤާތަކީ ވެސް ނަފުސުގެ ދަހިވެތިކަމުން މީހާ ސަލާމަތް ކޮށްދޭ އެއްޗެކެވެ. އަދި އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖު ވެއްޖެ މީހާ ނަރަކައިން ސަލާމަތް ކުރައްވާނެ ކަމަށް އަންގަވާފައި ވެއެވެ (އަލްޙަސްރި: 9)

ތަނަވަސް ކަމާއި ދަތި ހާލުގައި ވެސް ﷲ ގެ މަގުގައި ހޭދަ ކުރާނަމަ އެމީހަކަށް އޮތީ ކާމިޔާބެވެ. ފާފަ ފުއްސެވުމާއި، އުޑުތަކާއި ބިން ފަދަ ތަނަވަސްކަން ހުރި ސުވަރުގެ އަށް ވަދެވޭނެ ކަމުގެ އުފާވެރި ޚަބަރެވެ (އާލުޢިމްރާނު: 133-134). ﷲ ގެ މަގުގައި ހޭދަ ކުރުމަކީ ތަޤުވާވެރީންގެ ސިފައެކެވެ (އާލުޢިމްރާނު: 133) ހީވެސް ނުކުރާހައި ގޮތްގޮތުން ތަޤުވާވެރިޔާ އަށް ރިޒުޤު ދެއްވާނެ ކަމަށް އަންގަވާފައި ވެއެވެ (އައްޠަލާޤު: 2-3).

ޞަދަޤާތަކީ ޤިޔާމަތް ދުވަހުގައި ހިސާބު ބެއްލެވޭ ހިނދު، ފަރުޟު އަޅުކަމުން މަދުވާ ބައި ފުރިހަމަކޮށްދޭނެ ޢަމަލެކެވެ (އަބޫދާއޫދު: 245). އަދި ފެނުން އަލިފާން ނިވައިލާ ފަދައިން ޞަދަޤާތުގެ ސަބަބުން ކުށްފާފަތައް ފުހެލައެވެ (ތިރުމިޛީ: 2616). މީގެ އިތުރުން، ކިތަންމެ ކުޑަ ޞަދަޤާތަކުން ވެސް ސުވަރުގެއަށް ވަނުމަށް މަގުފަހިވެދެއެވެ (މުސްލިމު: 2630). ޞަދަޤާތް ކުރުމަކީ މީހާގެ އީމާންތެރިކަން ރަނގަޅު ކަމުގެ ޢަލާމާތެއް ކަމުގައި އަންގަވާފައި ވުމީ، ޞަދަޤާތުގެ އެންމެ ޚާއްސަ އެއް ސިފައެވެ (މުސްލިމު: 223).

ކިތަންމެ ގިނައިން ޞަދަޤާތް ކުރި ކަމުގައި ވިޔަސް، އެއީ އެއްގޮތަކަށް ވެސް ނުކުރާ ކަމެއް ކަމުގައި ވެދާނެކަމަށް ﷲ އަންގަވާފައި ވެއެވެ. އެކަލާނގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަ ގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައި މީހުންގެ ޞަދަޤާތްތައް ބާތިލު ނުކުރާ ހުށިކަމެވެ!" (އަލްބަޤަރާ: 264). މި އާޔަތުން އެނގޭ ގޮތުގައި، ޞަދަޤާތް ކުރުމަށް ފަހު ކަލަ ގޮވުމަކީ އެ މީހަކު ކުރި ޞަދަޤާތް ބާތިލު ވެދާނެ ކަމެކެވެ. ކަލަ ގޮވުމަކީ، ތިމާ އަނެކަކަށް ކޮށްދީފައި ހުންނަ ހެޔޮ ކަންތަކުގެ ވާހަކަ ހިތާ ނުވެގެން ދެއްކުމެވެ. ނުވަތަ ތިމާ އެހެން މީހަކަށް ދީފައިވާ ޞަދަޤާތެއްގެ ވާހަކަ (އެކަށީގެން ނުވާ ގޮތުގައި) ފަހުން ދެއްކުމެވެ.

އަދި ހަމަ މިއާއެކު، މީސްތަކުންނަށް ދެއްކުމަށް ޓަކައި ޞަދަޤާތް ކުރާ މީހުންނަކީ ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާން ނުވާ ބައެއް ކަމަށާއި އެއީ ޝައިޠާނާގެ އެކުވެރީން ކަމަށް އެންގެވިއެވެ (އައްނިސާ: 38).

ބަޔާންވެ ދިޔަ ވާހަކަތަކުން އެނގުނު ގޮތުގައި، ޞަދަޤާތް ކުރުމަކީ މުދަލުން އެއްވެސް މިންވަރެއް އުނިވާނެ ކަމެއް ނޫނެވެ. ﷲ ގެ މަގުގައި މީހަކު އެއްޗެއް ހޭދަ ކޮށްފިނަމަ އޭގެ ބަދަލު އެއަށް ވުރެ މާ ހެޔޮކޮށް އެކަލާނގެ އެމީހަކަށް ދެއްވާނެއެވެ. ހަމަ މިއާއެކު، ޞަދަޤާތް ކުރުމަށް ފަހު ކަލަ ގޮވުމާއި، އެ ދިން އެއްޗަކާ ނުވަތަ ކޮށްދިން ކަންތަކާ އަޅުވައި، އެ ލިބުނު ފަރާތުގެ ހިތަށް ދަތިވާ ފަދަ ވާހަކަ ދެއްކުމާއި، ތިމާ އަކީ މާ ގިނައިން ޞަދަޤާތް ކުރާ މީހެއްކަމަށް މީސްތަކުންނަށް ދެއްކުމުގެ ނިޔަތުގައި ޞަދަޤާތް ކުރުމަކީ އެމީހަކު ކުރި ޞަދަޤާތް ބާތިލު ވެދާނެ ޢަމަލުތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް