ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް މި ސަރުކާރުން ނުދޭނެކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުން ތަކުން އެކަން ސާފުވާކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ސަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ސަރީފް ވިދާޅުވީ ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެށް ރައީސަށް އެނގިވަޑައިގެން ހިނގިޔަ ނުދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
ރާއްޖޭން ކޮރަޕްޝަން މަދުކުރެވޭނީ ކޮރަޕްޝަނަށް މަގުފަހިވާ ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން ވެސް ނޫނެކޭ ބުނެގެންކަމަށް އެ ޕޯސްޓުގައި ވެއެވެ.
މިނިސްޓަރު މިފަދައިން ޕޯސްޓު ކުރައްވާފައި ވާއިރު، ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންނަން ގޯތި ދިނުމުގައި އެޗްޑީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ
މި މައްސަލައިގައި ފަޒުލް އާއި އެޗްޑީސީ ބޯޑުގެ އިތުރު މެމްބަރުންތަކެއް ވަނީ ސަސްޕެންޑު ކޮށްފައެވެ.
އެޗްޑީސީން އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށާއި، މިއީ ސަރުކާރަށް ވެސް އެނގިގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކޮށް، އެކަން ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައި ނުވާ ބަޔަކަށް ހުޅުމާލެއިން ބިންދީ, އުސޫލާ ހިލާފަށް, އެޗްޑީސީން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައި ވާއިރު, ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިނުވާނެ ކަމަށާއި އަދި ނުވެސް ލިބޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.