ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާނެ ކަމަށް ހީނާ ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައި ނުވާ ބަޔަކަށް ހުޅުމާލެއިން ބިންދީ, އުސޫލާ ހިލާފަށް, އެޗްޑީސީއިން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު, ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިނުވާނެ ކަމަށާއި އަދި ނުވެސް ލިބޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމުން ބިން ލިބިފައި ނުވަނީސް, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ, އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު, މުޙައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިން ދީފައިވާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތި ވެފައެވެ.

މި ބޮޑު ތުހުމަތު ފަޒުލް ރޭ ދޮގު ކުރައްވާފައިވާއިރު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިން މިއަދު ވަނީ އެޗްޑީސީގެ ޗެއާމަން އަޙްމަދު ނާސިފް, ފިޔަވާ އެ ބޯޑުގައި ހިމެނޭ އެހެން ހުރިހާ ބޭފުޅުން މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

މިކަން އިއުލާން ކުރައްވައި ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވީދާޅުވީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަހުގީގު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަހުގީގު ނިމެންދެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާނެ ކަމަށާއި އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ފަޒުލް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންނަން ގޯތި ދިނުމުގައި އެޗްޑީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މި މައްސަލަ ވަރަށް ބޮޑުވެފައިވާއިރު މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އިއްޔެ ވަނީ އެޗްޑީސީއަށް ވަދެފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ ފެންމަތި ވެފައި މިވަނީ ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރި ބިމާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް މި ސަރުކާރުން ހަވާލު ނުކުރާ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް