ފްލެޓު ދިނުމަށް ދައުލަތުގެ ސިއްކަ ޖަހައި، މާލޭގައި އުޅުންކަމަށް ކައުންސިލުން ދީފައިވާ ލިޔުމަކީ ސައްހަނޫން ލިޔުމެއްކަމަށް ނިންމައި ފްލެޓް އަތުލަން ވާނީ ކޯޓަށް ގޮސްގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 186ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަހަކަ ދައްކަވަމުންނެވެ.
މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4000 ފްލެޓް ދޭން ނިންމި މީހުންގެ ލިސްޓު މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފައެވެ. ނަމަވެސް، މި ސަރުކާރުން އެ ލިސްޓު އިވެލުއޭޓްކޮށްފައި ވާއިރު، ގިނަ ބަަޔަކު ލިސްޓުން އުނިކޮށްފައިވާކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ.
މި ލިސްޓުން މީހުން އުނިކޮށްފައި ވަނީ، މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުންތަކުގައި މައްސަލަ ހުރި ކަމަށް ފާހަގަކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ މިފަދައިން ބަޔަކު އުނިކޮށްފައިވާ ލިސްޓެއް ބަލައިނުގަތުމަށް ކައުންސިލުން ފާސްކުރުމަށް އެދި ހުށަހަޅައިފައެވެ.
މި ހުށަހެޅުމަށް ތާއީދު ކުރައްވައި މޭޔަރު އާޒިމް ވަނީ ވާހަކަ ދައްކަވައިފައެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި ރައްޔިތަކަށް ދީފައި އޮތް ލިޔުމެއް އެއީ ސައްހަ ނޫން ލިޔުމެއް ކަމަށް ދެން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުން. ސިއްކަ ޖަހާފައި ދީފިކަމަށްވަންޏާ ކޮންމެ ސަރުކާރަކުން ނަމަވެސް އެ އޮތީ، ކަންތައްތައް ރަނގަޅުކަމަށް ނިންމާ އެ ދީފަ،" އޭނަ ވިދާޅުވިއެވެ.
އެ ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރުކުރަން ރައްޔިތުމީހާ ދާންޖެހޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހެޅުމަށް ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖެއްސައި އެހީތެރިވެދިނުމަށް ފާސްކޮށްފައެވެެ.
ފްލެޓު ލިސްޓާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ވަނީ މިނިސްޓްރީއަށް ރައްޔިތުން އެއްވެ އިހުތިޖާޖުކޮށްފައެވެ.
ފުލެޓު ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.
އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ސަރުކާރުން ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމަށް ހުއްދަދީފައެވެ.
ހައުސިން މިނިސްޓްރީން އޭރު ނިންމީ އެ މިނިސްޓްރީން ވެސް ލިސްޓު އަލުން ބެލުމަށެވެ. އޭގެ ފަހުން ލިސްޓު ނެރެން ތާރީޚުތަކެއް ދީ، ލިސްޓު ނުނެރޭތީ ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރިއެވެ.
މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ ފޯމުތަކެވެ.