ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ، މީހުން ވަޅުލުން މިވަގުތަށް މެދުކަނޑާލައިފި

ހުޅުމާލެ ސަހަރާގައި ކޮނެފައި ހުރި ވަޅެއްގައި ފެންބޮޑުވެފައި: އެހެންވެ، މީހުން ވަޅުލުން ވަނީ މެދުކަނޑާލާފައި --- ފޮޓޯ/ ސިޓީ ކައުންސިލް

މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ، މިވަގުތަށް މީހުން ވަޅުލުން މެދުކަނޑާލައިފިއެވެ.

ވިއްސާރަ ދުވަސްވަރާ ދިމާކޮށް މީގެކުރިން ވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މިވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށެވެ. އެ ސަހަރާގައި ކޮނުނު ވަޅުގައި މިވަގުތު އަށް އިންޗިއާއި ނުވަ އިންޗިއާ ދެމެދުގައި ފެން އެބަ ހުރި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އެހެންވެ، މިއަދު މަގުރިބު ނަމާދަށް ފަހު އެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން އާސަހަރާއަށް ބަދަލުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގައި މީހުން ވަޅުލަން ބޭނުންކުރާ އާސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވީ، އޮކްޓޫބަރު ހަތަރެއް، 2024ގައެވެ. އެހެންވެ، އޭރު މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލޭގެ ސަހަރާގައެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމަށް ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެކަމަށެވެ.

comment ކޮމެންޓް